Last Updated: May 11, 20:11
Sunday, May 11, 2025
ދުނިޔެ

ބޮން އެޅީ އުފަންވި ދުވަހު، ފެނުނީ 37 ދުވަސް ފަހުން!

އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭން ފެށި ދުވަހު އުފަންވި ފަލަސްތީނު ކުއްޖަކު އިމާރާތްތަކެއްގެ ދަށުން 37 ދުވަސް ފަހުން ސަލާމަތްކޮށްފި އެވެ.

އެ ތުއްތު އަންހެން ކުއްޖާ ހެޔޮ ހާލުގައި އޮއްވައި ސަލާމަތް ކުރެވުނީ އިއްޔެ އެވެ. އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭން ފެށީ މިދިޔަ މަހުގެ 7 ގަ އެވެ. ތުއްތު ކުއްޖާ 37 ދުވަސް ފަހުން އިމާރާރާތްތަކެއްގެ ދަށުން ސަލާމަތްކޮށްފައިވާ މަންޒަރު ފެންނަ ވީޑިއޯ ވެސް ސޯޝަލް މީޑިއާއި ވައިރަލްވެފައިވެ އެވެ.

އެ ކުއްޖާ އޮތީ އިޒްރޭލުން ބޮން އަޅައި ބިމާހަކޮށްލި ގާޒާގެ ގޭގެ ހަލާކުވެފައިވާ ބައިތަކުގެ ދަށުގަ އެވެ. ނަމަވެސް 37 ދުވަސް ފަހުން، ކުއްޖާ ހެޔޮ ހާލުގައި އޮއްވައި ފެނި، ސަލާމަތް ކުރެވުމާ ގުޅިގެން މިކަން ވަރަށް ގިނަ ބަޔަކު ސިފަކޮށްފައި ވަނީ މުއުޖިޒާތެއްގެ ގޮތުގަ އެވެ.

މި ވާހަކަ އިންސްޓްރާމްގައި ހިއްސާކޮށް ގާޒާގެ އަސްކަރީ އޮފިސަރެއް ކަމަށްވާ އަދި ފޮޓޯގްރާފަރު ނޫހު އަލް ޝަގްނޯބީ ވެސް ހިއްސާކޮށްފައިެވ އެވެ. އޭނަ ބުނީ ކުއްޖާގެ މަންމަ އާއި ބައްޕަ އިޒްރޭލުގެ ހަމަލާގައި ޝަހީދުވެފައިވާ ކަމަށެވެ.

"މިހާ ތުއްތު ކުއްޖަކު އެހާ ގިނަ ދުވަސް ފަހުން ދިރިއޮއްވައި ފެނުމަކީ ހަމަ މުއުޖިޒާތެއް. މިއީ ކުއްޖާ އަލުން އުފަންވުން ކަހަލަ ކަމެއް،" ނޫހު ބުންޏެވެ. "އިޒްރޭލުން މި ކުއްޖާގެ އާއިލާ ދިރިއުޅުނު ގެއަށް ބޮން އެޅީ ކުއްޖާ އުފަން ދުވަހު. އިއްޔެ ކުއްޖާ ފެނި ސަލާމަތް ކުރެވުނީ ތިން ގަޑިއިރުގެ މަސަކަތުން. މިކަމުން ދައްކުވައި ދެނީ އަހަރެމެންނަށް އޮތް އުންމީދު ނުގެއްލޭކަން."

އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 15،000 އެއްހާ މީހުން ޝަހީދުވެފައިވާ އިރު، މީގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. ދެން އެންމެ ގިނައީ އަންހެނުންނެވެ.