Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ވިޔަފާރީގެ އެއްބަސްވުމެއްގައި ތުރުކީއާ އެކީ ސޮއިކޮށްފި

ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރި އާއި އިގުތިސާދީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ތުރުކީ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންއާ އެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު އެވެ. އެ މަޝްވަރާތައް އޮތީ އަންކާރާގެ ރިޔާސީ ގަނޑުވަރުގަ އެވެ.

އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ތުރުކީގެ ފަރާތުން، ސޮއިކުރެއްވީ ޓްރޭޑް މިނިސްޓަރު އޮމާ ބޮލަޓް އެވެ.

ނަމަވެސް މި އެއްވަސްވުމާ ގުޅޭ ތަފުސީލެއް ދެ ސަރުކާރުން ވެސް އަދި ހާމައެއް ނުކުރެ އެވެ.

ރައީސް ތުރުކީ އަށް ކުރައްވާ މި ދަތުރަކީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރާއްޖެ އިން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރެވެ. މި ދަތުރުގައި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަނެ އެވެ.