ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، އެރަށު އަންނާރުމާގޭ ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ނައީމާ މަރާލާފައި އޮއްވާ ފެނުނީ އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުއެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމާ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް މައްސަލަ ފޮނުވާފައިވާއިރު ފުލުހުން އެދިފައިވަނީ ތިން މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އެރަށަށް ނިސްބަތްވާ ތިން މީހުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ދައުވާ ކުރުމާމެދު ޕީޖީން މި ހަފުތާގައި ގޮތެއް ނިންމާނެއެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ނައީމާ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ތޫނު 2 ހަތިޔާރު އަދިި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެ އެތަކެތި ނަގާފައެވެ.