އާންމު މީސްމީހުންގެ ގޭގެ ފުރާޅުތަކުގައި ސޯލާ ޕެނެލް ހަރުކޮށްދޭ ޕްރޮގްރާމެއް އާ ސަރުކާރުން އިފުތިތާހުކޮށްފި އެވެ.
"މަގޭ ސޯލާ" ގެ ނަމުގައި މި ޕްރޮޖެކްޓް އިފުތިތާހުކުރި ރޭޑިއޯ ބިލްޑިންގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމެވެ.
މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ބޭނުމަކީ ކަރަންޓަށް ކުރާ ހޭދަ ކުޑަކޮށް ތެލުން އުފައްދާ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުން ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަން ރާވާފައި ވަނީ ސަރުކާރާއި ޔުޓިލިޓީ ކުންފުނިތަކާއި ބޭރުގެ އެހީދޭ ފަރާތްތަކާ ގުޅިގެންނެވެ.
"މަގޭ ސޯލާ" ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ސޯލާ ޕީވީން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވަނީ ގޭބިސީތަކަށެވެ. އެގޮރުން މި ފިޔަވަހީގައި ޖުމްލަ ތިން މެގަވޮޓުގެ ސޯލާ ޕީވީ ނިޒާމުތައް ގޭބިސީތަކަށް ފޯރުކޮށް ދޭނެ އެވެ.
ތިން މެގަވޮޓުގެ ސޯލާ ޕީވީ ގޭބިސީތަކަށް ފޯރުކޮށްދިނުމަށްޓަކައި މިއަދު ވަނީ އެ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އާއްމުކޮށް ބީލަމަށް ވެސް ހުޅުވާލައިފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ސޯލާ ޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ މީހުންނަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޔުޓިލިޓީ ކުންފުނިތައް މެދުވެރިކޮށް، އިންސްޓޯލްމަންޓް އުސޫލުން ސޯލާ ޕީވީ ގަތުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.
ތޯރިގް ވިދާޅުވީ ރާއްޖޭގައި ހަކަތަ އުފެއްދުމަށް ދައުލަތުން ވަރަށް ބޮޑު ހަރަދެއް ކުރަމުން އަންނަ ކަމަށެވެ. ހަކަތަ އުފެއްދުމަށް ބޭނުންވާ ތެޔޮ ރާއްޖެ އަށް އެތެރެކުރުމަށް އަހަރަކު 800 މިލިއަން ޑޮލަރު ދައުލަތުން ހަރަދުކުރާ އިރު، ފިއުލް ސަބްސިޑީގެ ގޮތުގައި ވެސް އަހަރަކު 2.3 ބިލިއަން ރުފިޔާ ކުންފުނިތަކަށް ދޫކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.