Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ފުރަތަމަ ފިލްމަށް ސުހާނާގެ އަޑުން ލަވައެއް

އަންނަ މަހު ނެޓްފްލިކްސް އިން ބެލުންތެރިންނަށް ދޫކޮށްލާ ފިލްމު "ދި އާޗީސް" އިން އެކްޓިން ދުނިޔެ އަށް ނުކުންނަ ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން ކިޔާފައިވާ ލަވައެއް ފިލްމުގައި ހިމެނޭނެކަން ކަށަވަރުކޮށް ދީފި އެވެ.

ސުހާނާ ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިކަން ހިއްސާކުރުމުގެ ކުރިން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޑައިރެކްޓަރު ޒޯޔާ އަކްޓަރު ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ސުހާނާ އަކީ ވަަރަށް ރީއްޗަށް ލަވަކިޔާ ކުއްޖެއް ކަމަށް ބުނެފައިވެ އެވެ. އެކަމަކު އޭރު "ދި އާޗީސް" ގައި ސުހާނާގެ އަޑުން ރެކޯޑްކުރި ލަވައެއް ހިމެނޭނެކަމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެ އެވެ.

ނަމަވެސް މިއަދު ސުހާނާ ބުނީ އޭނަގެ އަޑުން އަލަށް ރެކޯޑްކޮށް، ފިލްމުގައި ހިމެނޭ ލަވަ އަކީ "ޖަމް ތުމް ނާ ތީ" ކަމަށެވެ. މި ލަވައިގައި ސުހާނާއާ އެކީ ފިލްމުގެ ކާސްޓްގައި ހިމެނޭ އަދިތީ ސައިގަލް ޑޮޓް) ގައި ވެސް ހިއްސާވެފައިވެ އެވެ.

"ދި އާޗީސް" ގެ ތިން ލަވައެއް މިހާތަނަށް ވީޑިއޯއާ އެކީ އާންމުކޮށްފައިވެ އެވެ. އެއީ "ސުނޯ" އާއި "ވާ ވާ ވޫމް" އަދި "ޑިޝޫމް ޑިޝޫމް" އެވެ. މި ފިލްމުގެ މިއުޒިކްގައި ހިއްސާވާ މީހުންގެ ތެރޭގައި ޑޮޓް، ޝަންކަރް-އެހްސާން-ލޯއި، އަންކޫރް ތިވާރީ އަދި ދި އައިލޭންޑާސް ހިމެނެ އެވެ.

ސުހާނާއާ އެކީ "ދި އާޗީސް" އިން އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ އާއި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރްގެ އިތުރުން ވެސް ޒުވާން އާ މޫނުތަކެއް ތައާރަފުވާނެ އެވެ.

އަލަތު ފިލްމަށް ސުހާނާ، 22، ލަވައެއް ކީ އިރު، އޭނަގެ ބައްޕަ ޝާހްރުކް ވެސް އަމިއްލަ ފިލްމަކަށް ލަވައެއް ކިޔާފައިވެ އެވެ. އެއީ 2000 ވަނަ އަހަރުގެ ފިލްމު "ޖޯޝް" އަށް ކިޔާފައިވާ "އަޕުން ބޯލާ" އެވެ. އެ ލަވަ އާންމުންގެ ތެރޭފައި ވަރަށް މަޝްހޫރުވި އެވެ.

"ދި އާޗީސް" ނެޓްފްލިކްސް އިން ޕްރީމިއާކުރާނީ އަންނަ މަހުގެ 7 ގަ އެވެ.