ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ އާއި ސިދާންތު ޗަތުރަވެދީ އެކީގައި ކުޅުނު ދެވަނަ ފިލްމު "ކޯ ގަޔޭ ހަމް ކަހާ" ވެސް ސިނަމާތަކަށް ނުގެންނަން ނިންމައިފި އެވެ.
ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ އެކްސެލް އެންޓަޓައިންމަންޓްގެ މި ފިލްމު ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައި ވަނީ ނެޓްފްލިކްސްއިންނެވެ. އެއީ އަންމަ މަހުގެ 26 ގަ އެވެ.
އަނަންޔާ އާއި ސިދާތު އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ އަހަރުގެ ކުރީކޮޅު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޑިޖިޓަލްކޮށް ޕްރީމިއާކުރި "ގެހަރާއިޔާ" އެވެ. ކާސްޓްގައި ދީޕިކާ ޕަދްކޯން އާއި ދައިރިއާ ކަރްވާ ވެސް ހިމެނޭ އެ ފިލްމަކީ ޝަކުން ބަޓްރާ ޑައިރެކްޓްކުރި ފިލްމެކެވެ.
"ކޯ ގަޔޭ ހަމް ކަހާ" ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމިކަން އިއުލާންކޮށް، އޭގެ ޕްރޮމޯޝަންތައް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން ފިލްމުގެ ޕޯސްޓަރު އާންމުކުރި ނަމަވެސް، ފިލްމުގެ ޓީޒާ/ޓްރެއިލާ އަދި ދައްކައެއް ނުލަ އެވެ. މި ފިލްމުގެ ކާސްޓްގައި ޕްރިޔަންކާ ޗޯޕްޅާގެ "ދަ ވައިޓް ޓައިގާ" އިން ސަމާލުކަން ހޯދި ގޯރަވް އަދާޝް ވެސް ހިމެނެ އެވެ.
ތިން އެކުވެރިއެއްގެ ވާހަކަ ކިޔައިދޭ "ކޯ ގަޔޭ ހަމް ކަހާ" ގެ ޑައިރެކްޓަރަކީ އަރުޖުން ވަރައިިން ސިންގް އެވެ.