Last Updated: May 10, 14:05
Saturday, May 10, 2025
ޚަބަރު

ފަލަސްތީނަށް އެހީވާން ފޭދޫގައި ޖަމްބަލް ސޭލެއް

ފަލަސްތީނަށް އެހީވާން އައްޑޫ ފޭދޫގައި ޖަމްބަލް ސޭލެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

ފޭދޫ އަވަށު އޮފީހުން އިންތިޒާމުކުރާ މި އިވެންޓް ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ. އެގޮތުން މި އިވެންޓް އެ ދުވަހު ހަވީރު 4:00 އިން ރޭގަނޑު 11:00 އާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ކުރީގެ ފުޓްބޯޅަ ދަނޑުގަ އެވެ.

ފޭދޫ އަވަށު އޮފީހުން ބުނީ މި ޖަންބަލް ސޭލް ބާއްވާނީ ގައުމީ އެއާލައިން މޯލްޑިވިއަނާއި އުރީދޫގެ އެހީތެރިކަމާ އެކީގައި ކަމަށެވެ. ޖަމްބަލް ސޭލްގައި ވިއްކަން ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހެދުމާއި އެކި ވައްތަރުގެ ހެދިކާ ހިމެނެ އެވެ. އަދި އިވެންޓްގައި ވަގުތުން ކެއްކުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.

ފޭދޫ އަވަށު އޮފީހުން ބުނި ގޮތުގައި ޖަމްބަލް ސޭލްގެ ތެރެއިން މޯލްޑިވިއަންގެ ގަން-މާލެ.ގަން ޓިކެޓެއް ހޯދުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. އެގޮތުން 100ރ. ގެ ކޫޕަނެއް ގަނެގެން ގުރުއަތުގައި ބައިވެރިވެވޭނެ އެވެ. ޖަމްބަލް ސޭލް ނިންމާލުމުގެ ކުރިން ގުރު ނަގައި، ޓިކެޓް ހަވާލު ވެސް ކުރާނެ އެވެ.

ހުކުރު ދުވަހު ބާއްވާ ޖަމްބަލް ސޭލަކީ ފަލަސްތީނަށް އެހިވާން ފަންޑް އެއްކުރުމުގެ ގޮތުން ފޭދޫ އަވަށު އޮފީހުން އިންތިޒާމުކުރާ ތިން ވަނަ އިވެންޓެވެ. ކުރީގެ ދެ އިވެންޓަކީ މި މަހުގެ 4 ގައި ބޭއްވި އާއިލީ ހަވީރާއި މިދިޔަ މަހުގެ 17 ގައި ބޭއްވި ވެހިކަލް ބުރެވެ.

އާއިލީ ހަވީރުން ލިބުނު 50،565ރ. ހަވާލުކުރީ މޯލްޑިވްސް ރެޑް ކްރެސެންޓާ އެވެ.