Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

"ވޯ 2" ގެ ތާރީހު ފައިނަލްކޮށްފި

ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ ހަ ވަނަ ފިލްމު "ވޯ 2" ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ތާވަލުކުރީ އޮގަސްޓް 14، 2025 އަށެވެ. "ވޯ 2" ގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު "ބްރަސްމަސްތުރާ" ގެނެސްދިން އަޔާން މުކަރްޖީ އެވެ. މި ފިލްމަކީ މި އަހަރު ޝާހްރުކް ޚާނާ އެކީ "ޕަތާން" ގެނެސްދިން ޑައިރެކްޓަރު ސިދާތު އާނަންދު 2019 ގައި ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފާ އެކީ ގެނެސްދިން "ވޯ" ގެ ސީކްއެލް އެވެ.

އެކަމަކު މި ފަހަރު ފިލްމުގެ ކާސްޓްގައި ޓައިގާ ނުހިމެނޭ އިރު، ރިތިކާ އެކީ "ވޯ 2" ގެ އެންމެ ބޮޑު ރޯލެއް ކުޅޭނީ މިދިޔަ އަހަރުގެ ފިލްމު "އާރްއާރްއާރް" ގެ ބަތަލު އެންޓީއާރް ޖޫނިއާ އެވެ. އެހެންވެ މި ފިލްމު ވާނީ ތެލެގޫ އެކްޓަރުގެ ފުރަތަމަ ބޮލީވުޑް ފިލްމަށެވެ.

އެންޓީއާރް މިހާރު އަންނަނީ އަންނަ އަހަރުގެ އެޕްރީލްގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ދެވާރާ" ގެ މަސައްކަތްކުރަމުންނެވެ. މީގެ ކާސްޓްގައި ޖާންވީ ކަޕޫރާއި ސައިފް އަލީ ޚާން ވެސް ހިމެނެ އެވެ. ރިތިކްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ޖެނުއަރީގައި ސިދާތު ގެނެސްދޭ "ފައިޓާ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ވޯ 2" ވަރުގަދަ އެކްޝަން މަންޒަރުތަކެއް މިދިޔަ މަހުގެ ތެރޭގައި ރިތިކާއި އެންޓީއާރްގެ ބޮޑީ ޑަބަލްތަކާ އެކީ ސްޕެއިންގައި ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ދެ ތަރިން ފިލްމުގެ ޝޫޓިން އަށް ނުކުންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ވޯ 2" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ.

ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 12 ގައި ރިލީޒްކުރި ސަލްމާން ޚާންގެ "ޓައިގާ 3" އެވެ.