Last Updated: May 15, 21:40
Wednesday, May 15, 2024
މުނިފޫހިފިލުވުން

ޝަހުދާގެ ފިލްމުގެ ބަތަލަކަށް ފިރިމީހާ

މިދިޔަ މަހު ޑާކް ރެއިން އެންޓައިންމަންޓުން އިއުލާންކުރި ފިލްމުތަކުގެ ތެރޭގައި ހިނެނޭ "އަވަ" ލިޔެ، ޑައިރެކްޓްކުރާނީ ޝަހުދާ މަހްމޫދު ކަމަށާއި އެ ފިލްމުގެ ބަތަލަކީ އޭނަގެ ފިރިމީހާ ޝަރަފު އަބްދުﷲ ކަމަށް އެ ސްޓޫޑިއޯ އިން ބުނެފި އެވެ.

ޝަރަފަކީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ޑިމާންޑް ބޮޑު އެކްޓަރެވެ. މިދިޔަ އޮގަސްޓް މަހު އޮލިމްޕަހަށް ގެނައި "ނީނާ" ގެ ބަތަލުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑާކް ރެއިންގެ "ފުރޭތަ" އާއި "ބަޅިނދު" ގެ އިތުރުން ދިވެހި ފިލްމު ސްޓޫޑިއޯގެ "މީ އިޝްގު" ހިމެނެ އެވެ.

ޑާކް ރެއިނަށް ޝަރަފު ކުޅުނު ފުރަތަމަ ފިލްމަކީ މި އަހަރުގެ މާޗްގައި މީޑިއާނެޓް މެދުވެރިކޮށް، ޑިޖިޓަލްކޮށް ޕްރީމިއާކުރި "ހިނދުކޮޅެއް" އެވެ.

ޑާކް ރެއިބުން ބުނީ އެތަނުން ދެން އެންމެ މަސައްކަތް ފަށަން އޮތް ފިލްމަކީ "އަވަ" ކަމަށާއި އޭގެ ބަތަލާ އަކީ މަރިޔަމް މަޖުދާ (މަޖޫ) ކަމަށެވެ. އެހެންވެ މި ފިލްމު ވާނީ ޝަރަފާއި މަޖޫގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފީޗާ ފިލްމަށެވެ. މިހާތަނަށް ޑާކް ރެއިންގެ ގިނަ ފިލްމުތަކެއް ކުޅެފައިވާ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 4 ގައި ޕްރީމިއާކުރާ އެ ސްޓޫޑިއޯގެ "ނޮވެމްބާ" އެވެ.

ޕީއެސްއެމްގައި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އަދި ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ޝަހުދާ، ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯ އަށް ފީޗާ ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރުވާ އިރު، އޭނަ މިހާރު ވެސް އަންނަނީ އެތަނުގެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ބައިސްކޯފަށް ޑާކް ރެއިނުން ހަދާ އެންތޮލޮޖީ "ޑާކް ރެއިން ކްރޮނިކަލްސް ސީޒަން 2" އެވެ. މީގެ ބައެއް އެޕިސޯޑްތައް ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ ޝަހުދާ އެވެ.

"އަވަ" އަށް ތައްޔާރުވަމުން ދިޔަ ނަމަވެސް މި ފިލްމާ ބެހޭ އިތުރު މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މީގެ ކާސްޓްގައި މަޝްހޫރު ބަތަލާ ޝީލާ ނަޖީބާއި މި އަހަރުގެ އެޕްރީލްގައި ގެނެސްދިން ފިލްމު "ވަނާޖުބޭސާ" ގެ ރޯލެއް ކުޅުނު ކޮމީޑިއަން ހުސައިން ސާދު (މަޓޭ) ހިމެނޭކަން ޑާކް ރެއިނުން ކަށަވަރުކޮށް ދީފައިވެ އެވެ.

"އަވަ" އާ އެކީ އެ ސްޓޫޑިއޯ އިން މިދިޔަ މަހު އާ ހަ ފިލްމެއް އިއުލާންކުރި އެވެ. އޭގެ ތެރޭގައި ދެން ހިމެނެނީ "އަލިފާން"، "ފެށުމާއި ނިމުން"، "ލައިފް ސަޅި"، "ލޭ" އަދި "ވާރޭ" އެވެ.