އައްޑޫ ސިޓީގެ ހުޅުމީދޫގައި، ސަރުކާރަށާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ޒުވާނުން ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން ވެހިކަލް ބުރެއް ބާއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ ހުޅުދޫގައި ހުންނަ އޮފީހުން އިންތިޒާމްކޮށްގެން ހުޅުމީދޫގެ ބޮޑެތި މަގުތަކުގައި ބޭއްވުނު މިވެހިކަލް ބުރު ބޭއްވުމުގެ ބޭނުމަކީ ރައީސް ޔާމީން ރައީސްކަމުގައި ހުންނަވައިގެން، ޤާނޫނު އަސާސީގެ ހިމާޔަތުގައި ކުރައްވާ މަސައްކަތުގައި، ހުޅުމީދޫގެ ޒުވާނުންނާއި ރައްޔިތުން ބައިވެރިވަމުންދާކަން ހާމަކޮށްދިނުމުގެ ގޮތުން ބޭއްވުނު ވެހިކަލް ބުރެކެވެ.
މި ވެހިކަލް ބުރުގައި ބައިވެރިވި މީހުން ވަނީ ސަރުކާރުން ހުޅުމީދޫގައި ކުރިއަށް ގެންދާ ތަރައްޤީގެ ޕްރޮގްރާމަތަކަށް ޝުކުރު އަދާކޮށް އަޑު އުފުލައިފަ އެވެ.

މީގެ އިތުރުން އެމްޑީޕީ ސަރުކާރުގައި ހިނގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތައް ބެލުމަށް ވެސް މި އެއްވުމުގައި ބައިވެރިވި މީހުން ވަނީ ގޮވާލައިފަ އެވެ.
