Last Updated: May 11, 18:14
Sunday, May 11, 2025
ދުނިޔެ

ގާޒާގެ ދެ ހޮސްޕިޓަލަކަށް ތެޔޮ ފޯރުކޮށް ދީފި

ފަލަސްތީނުގެ ގާޒާގެ ދެ ހޮސްޕިޓަލަކަށް ތެލާއި ސިއްހީ ސާމާނު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ފޯރުކޮށްދީފި އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ޑަބްލިއުއެޗްއޯ އާއި އެހެނިހެން ފަރާތްތަކުގެ އެހީއާއެކު ގާޒާގެ 7،000 ލީޓަރުގެ ތެޔޮ އަހްލީ އަރަބް ހޮސްޕިޓަލަށް އަދި 3،500 ލީޓަރުގެ ތެޔޮ އައްސަހާބާ ހޮސްޕިޓަލަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

މި އެހީގެ ފައުޖާއެކު އެ ހޮސްޕިޓަލުތަކަށް ސިއްހީ ސާމާނު ވެސް ފޯރުކޮށްދީފައިވާ ކަމަށް ޓެޑްރޯސް ވިދާޅުވި އެވެ.

އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ހަ ދުވަހުގެ މުއްދަތަކަށް މެދުކަނޑާލާފައިވާއިރު، ގަތަރު މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ހަނގުރާމަ މެދުކަނޑާލަން އެކުލަވާލި އެއްބަސްވުމުގެ ދަށުން ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައިވާ އިޒްރޭލުގެ 50 މީހަކު ދޫކޮށްލަން ނިންމާފައިވާ އިރު އިޒްރޭލުގެ ޖަލުތަކުގައިވާ ފަލަސްތީނުގެ 150 މީހަކު ވެސް ދޫކޮށްލަން ވަނީ ނިންމާފަ އެވެ.

އެގޮތުން ދެ ފަރާތުން ވެސް އެއްބަސްވުމުގައިވާ ގޮތަށް އަމަލުކުރަމުންދާއިރު ހަނގުރާމަ މެދުކަނޑާލާފައިވާ މުއްދަތު އިތުރުކުރަން އިޒްރޭލުގެ ކެބިނެޓުގައި މަޝްވަރާ ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 14،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.