Last Updated: May 11, 18:14
Sunday, May 11, 2025
ދުނިޔެ

ގާޒާގައި އަލުން ކިޑްނީ ބަލީގެ ފަރުވާ

ފަލަސްތީނުގެ ގާޒާގެ އުތުރުގެ ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ޑަޔަލަސިސް ސެންޓަރު އަލުން ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ގާޒާގެ އުތުރުގައި ގާއިމުކޮށްފައިވާ ނޫރާ އަލް ކާބީ ސެންޓަރު އަލުން ހުޅުވައި ކިޑްނީ ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ހިދުމަތް ދޭން ފެށީ އިއްޔެ ކަމަށެވެ. މިއީ ގާޒާގެ އުތުރުގައި ޑަޔަލަސިސްގެ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ތަނެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ދީފައިވާ އަލް ޝިފާ ހޮސްޕިޓަލުގެ ޑަޔަލަސިސް ޑިޕާޓްމެންޓް ވެސް އަލުން ހުޅުވައި މިހާރު ވަނީ ހިދުމަތް ދޭން ފަށާފަ އެވެ.

ސިއްހީ ފަރުވާދޭ ތަންތަން އަލުން ހުޅުވައި ހިދުމަތް ދޭން ފެށީ އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ހަ ދުވަހުގެ މުއްދަތަކަށް މެދުކަނޑާލާފައިވާ ދަނޑިވަޅެއްގަ އެވެ. ހަނގުރާމަ މެދުކަނޑާލާފައިވާ މުއްދަތު އިތުރުކުރަން އިޒްރޭލުގެ ކެބިނެޓުގައި މަޝްވަރާ ކުރަމުންދާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ހަނގުރާމަ މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އާއި އެހެނިހެން ފަރާތްތަކުން އަންނަނީ ގާޒާގެ ހޮސްޕިޓަލުތައް ހިންގަން ބޭނުންވާ ތެލާއި ސިއްހީ ސާމާނު ފަދަ ތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.

އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ގާޒާގެ ސިއްހީ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އެރިއިރު، ގިނަ އަދަދެއްގެ ހޮސްޕިޓަލުތަކުގެ ހިދުމަތް ވަނީ މެދުކަނޑާލަން ޖެހިފަ އެވެ.