އިންޑިއާގެ ފިލްމީ ތަރި ރަންދީޕް ހޫޑާ އާއި ބައިވެރިބާ ލިން ލައިޝްރާމް ކައިވެނިކޮށްފި އެެވެ.
ކުރިން ވެސް އިއުލާންކުރި ގޮތަށް އެ މީހުންގެ ކައިވެނީހެ ހަފުލާ އޮތީ އިއްޔެ އެވެ. ރަންދީޕާއި ލިންގެ އާއިލާގެ މީހުންނާ އެކީ ކައިވެނީގެ ހަފުލާ އޮތީ އިއްޔެ ހަވީރު މަނިޕޫރްގެ އިންފާލްގަ އެވެ. ކައިވެނި ހަފުލާގެ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކޮށް ރަންދީޕް ބުނީ އޭނަ އާއި ލިން މިހާރު އެކައްޗަކަށްވީ ކަމަށެވެ.
ލިން އަކީ ވިޔަފާވެރިއެއްގެ އިތުރުން މޮޑެލްއެކެވެ.
ރަންދީޕްގެ އެކްޓިން ކެރިއަރުގެ ފެށުމަކީ މީރާ ނައިރްގެ 2001 ގެ ކޮމެޑީ-ޑްރާމާ "މޮންސޫން ވެޑިން" އެވެ. އޭގެ ފަހުން އެތައް ފިލްމެއް ކުޅުނު ނަމަވެސް ލީޑް އެކްޓަރަކަށް ވުރެ ބޮޑަށް ރަންދީޕް ފާހަގަކުރެވިފައި ވަނީ ސަޕޯޓިން އެކްޓަރެއްގެ ގޮތުގަ އެވެ. އޭނަ ލީޑް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ޖިސްމު 2"، "މާޑާ 3"، "ހައިވޭ" އަދި "ރަންގް ރަސިއާ" ހިމެނެ އެވެ.
މިހާރު ޑައިރެކްޝަނަށް ވެސް ނުކުމެފައިވާ އެކްޓަރުގެ އަލަތު ޑައިރެކްޝަނަކީ މަސައްކަތް މިހާރު ކުރިއަށްދާ ބައޮގްރަފިކަލް ޑްރާމާ "ވީރު ސަވަަރްކަރް" އެވެ.
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް ހެމްސްވޯތުގެ 2020 ގެ ފިލްމު "އެކްސްޓްރެކްޝަން" ގެ ރޯލެއް ވެސް ރަންދީޕް ކުޅެފައިވެ އެވެ.