Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ތުލުސްދޫ އިން ފަލަސްތީނަށް 44،000ރ.

ފަލަސްތީނަށް އެހީވާން ކ. ތުލުސްދޫ އިން 44،000 އަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.

އެ ރަށުގެ ރައްޔިތުންނާއި މުއައްސަސާތައް ގުޅިގެން ހިންގި ހަރަކާތްތަކުން ލިބުނު ފައިސާ ހަވާލުކޮށްފައި ވަނީ ފަލަސްތީނަށް ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ހިދުމަތް ޖަމިއްޔާއާ އެވެ. އެގޮތުން ތުލުސްދޫން ޖުމްލަ 44،777ރ. ހަދިޔާކޮށްފައިވެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން ހިދުމަތް ޖަމިއްޔާއާ މިހާތަނަށް ފައިސާގެ އެހީތައް ހަވާލުކޮށްފައިވެ އެވެ. އަދި އެހީގައި ފަލަސްތީނުގެ ރައްޔިތުންނަށް މި ވަގުތު އެންމެ ބޭނުންވާ އަސާސީ ކަންކަން ހަމަޖައްސައި ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ފަލަސްތީނަށް އެހީވާން ދިވެހިންގެ ފަރާތުން މިހާތަނަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި ދިވެހި ރެޑް ކްރެސެންޓާ އެކި ފަރާތްތަކުން ފައިސާ ހަވާލުކޮށްފައިވެ އެވެ. އަދި ފައިސާ އެއްކުރަން ތަފާތު އެކި ހަރަކާތްތައް ރާއްޖޭގެ ހިސާބުތަކުގައި ހުއްޓުމެއް ނެތި އަންނަނީ، އެކި ފެންވަރުގައި ކުރަމުންނެވެ.

މިދިޔަ މަހުގެ 7 ގައި އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 15،000 އެއްހާ މީހުން ޝަހީދުވެފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.