އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބިނާކޮށް ފިލްމެއް ހަދަން ތައްޔާރުވެއްޖެ އެވެ.
ޑެޑްލައިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ދި އެޕްރެންޓިސް" ގެ ނަމުގައި ހަދަން ނިންމާފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު "ހޮލީ ސްޕައިޑާ" ގެނެސްދިން އިރާންގެ ޑައިރެކްޓަރު އަލީ އައްބާސީ އެވެ. އެ ނޫހުން ބުނި ގޮތުގައި ފިލްމުގައި ޓްރަމްޕްގެ ރޯލު ކުޅޭނީ މިހާތަނަށް އެތައް ފިލްމެއްގައި މަސައްކަތްކޮށްފައިވާ ސެބަސްޓިއަން ސްޓޭން އެވެ.
ޑެޑްލައިނުން ބުނީ "ދި އެޕްރެންޓިސް" ހަދަނީ "ދަ ލައުޑެސްޓް ރޫމް ވޮއިސް އިން ދަ ރޫމް: ހައު ދަ ބްރިލިއަންޓް، ބޮމްބާސްޓިކް ރޮޖާ އައިލްސް ބިލްޓް ފޮކްސް ނިއުސް-އެންޑް އަ ޑިވައިޑެޑް ކަންޓްރީ" ގެ ލިޔުންތެރިޔާ ގެބްރިއަލް ޝާމަންގެ ސްކްރީންޕްލޭއަކަށް ކަމަށެވެ.
ޓްރަމްޕްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ވާހަކަ މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ފައިސާ އާއި ކޮރަޕްޝަނާއި އެ ނޫން ވެސް ނަހަމަ މުއާމަލާތްތަކުގެ ތެރޭގައި ބާރާއި ނުފޫޒު ބޭނުންކޮށްގެން ގައުމުގެ ވެރިކަމަށް އަންނަން މަސައްކަތްކުރާ ސަގަފާތުގެ ތެރެއިން ޓްރަމްޕް ސިޔާސީ ގޮތުން ކުރިއަރަން ކުރި މަސައްކަތްތަކަށެވެ. އެގޮތުން 1970-1980 ގެ ތެރޭގައި ޓްރަމްޕްގެ ދިރިއުޅުން އޮތް "ދި އެޕްރެންޓިސް" ގައި ވަރަށް ބޮޑަށް ދައްކުވައި ދޭނެ އެވެ.

އޭނަ ވެރިކަން ކުރެއްވީ 2016-2020 އަށެވެ. ޓްރަމްޕަކީ އަންނަ އަހަރުގެ އިންތިހާބުގައި ވެސް ވާދަކުރައްވަން މަސައްކަތްކުރާ މީހެކެވެ. ދެހާސް ވިހީގައި ވެސް އޭނަ ދެވަނަ ދައުރަކަށް ވާދަކުރެއްވި އެވެ.
ޑެޑްލައިނުން ބުނީ "ދި އެޕްރެންޓިސް" ގައި ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕްގެ ބޮޑު ރޯލެއް ވެސް ހިމެނޭނެ ކަމަށާއި އެ ރޯލަށް ނަގާފައި ވަނީ މަރާޔާ ބަކަލޯވާ ކަމަށެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޖެރެމީ ސްޓްރޯންގް ވެސް ހިމެނެ އެވެ.