ބޮލީވުޑްގެ ކުރީގެ ބަތަލާ މިހާރުގެ ލިޔުންތެރިޔާ ޓްވިންކަލް ކަންނާގެ ހަތަރު ވަނަ ފޮތް "ވެލްކަމް ޓު ޕެރަޑައިސް" މިއަދު ލޯންޗްކޮށްފި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޕްރީ-އޯޑަރަށް ވެސް ހުޅުވައިލި މި ފޮތް މިއަދު ލޯންޗްކުރަން މުމްބާއީގައި ބޭއްވި ހަފުލާގައި ޓްވިންކަލްގެ ފިރިމީހާ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރާއި މަންމަ އަދި ބަތަލާ ޑިމްޕަލް ކަޕާޑިއާގެ އިތުރުން ގާތް އެކުވެރިޔާ ކަރަން ޖޯހަރާއި ފިލްމީ ތަރިން ކަމަށްވާ ކިއާރާ އަދުވާނީ އާއި ވިދިއާ ބާލަންގެ އިތުރުން ޝަބާނާޒް އާޒްމީ ވެސް ބައިވެރިވި އެެވެ.
ފަސް ކުރު ވާހަކައިގެ މައްޗަށް އެކުލެވޭ "ވެލްކަމް ޓު ޕެރަޑައިސް" އަކީ ޓްވިންކަލްގެ ހަތަރު ވަނަ ފޮތެވެ. އަދި މިއީ މި އަހަރު އިނގިރޭސިވިލާތުގެ ގޯލްޑްސުމިތު ޔުނިވަސިޓީން ރައިޓިން އިން މާސްޓާސް ޑިގްރީ ހާސިލުކުރި ފަހުން ނެރުނު ފުރަތަމަ ފޮތެވެ.
ޓްވިންކަލް އެންމެ ފަހުން ނެރުނު ފޮތަކީ 2018 ގެ "ޕިޖާމާސް އާ ފޮގިވިން" އެވެ. އޭގެ ކުރިން 2016 ގައި "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަދާސު" އަދި 2015 ގައި "މިސްޓަ އެންޑް މިސިޒް ފަނީބޯންސް" ނެރުނެވެ.
އަކްޝޭގެ 2018 ގެ ފިލްމު "ޕެޑްމޭން" އަކީ "ދަ ލެޖެންޑް އޮފް ލަކްޝްމީ ޕްރަސާދު" ގައި ހިމެނޭ ކުރު ވާހަކައަކަށް ބިނާކޮށް ޑައިރެކްޓަރު އާރް ބަލްކީ ހެދި ފިލްމެކެވެ. އަދި އެ ފޮތުގައި ހިމެނޭ ވާހަކަތަކުގެ ތެރެއިން "ސަލާމް ނޯނީ އައްޕާ" އަށް ބިނާކޮށް ފިލްމެއް ހަދަން މިދިޔަ އަހަރު އެޕްލޯސް އެންޓަޓައިންމަންޓުން އިއުލާންކޮށްފައިވެ އެވެ.
"ވެލްކަމް ޓު ޕެރެޑައިސް" ނެރުމާ އެކީ ފޮތަށް ވަރަށް ރަނގަޅު ރިވިއުތައް ލިބެމުން އަންނާތީ އެކަމާ ވަރަށް އުފަލުން ހުރި ވާހަކަ ވެސް ޓްވިންކަލް މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރި އެވެ.