Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"ޓައިގާ ވާސަސް ޕަތާން" 2026 ގައި

ޝާހްރުކް ޚާނާއި ސަލްމާނާ އެކީ ހަދަން ނިންމާފައިވާ "ޓައިގާ ވާސަސް ޕަތާން" ގެ ޝޫޓިން ފަށާނީ 2025 ގައި ކަމަށާއި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ 2026 ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ މި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ މާޗްގައި ފަށަން، ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ ކުރިން ޕްލޭންކުރި ކަމަށެވެ. ނަމަވެސް "ޓައިގާ ވާސަސް ޕަތާން" ގެ ސްކްރިިޕްޓް އިތުރަށް ފުރިހަމަކުރުމަށްޓަކައި ފިލްމުގެ މަސައްކަތް ފެށުން ލަސްކުރީ ކަމަށް އެ ނޫހުން ބުންޏެވެ.

މި ފިލްމު ޑައިރެކްޓްކުރަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޖެނުއަރީގައި ޝާހްރުކާ އެކީ "ޕަތާން" ގެނެސްދިން ސިދާތު އާނަންދެވެ. އޭނަ މި ވަގުތު އުޅެނީ ރިތިކް ރޯޝަނާ އެކީ ޖެނުއަރީގައި ގެނެސްދޭ "ފައިޓާ" ގެ މަސައްކަތުގައި ބިޒީކޮށެވެ. ހަންގާމާ އިން ބުނި ގޮތުގައި އެ ފިލްމު ޖެނުއަރީ މަހުގެ 25 ގައި ސިނަމާތަކަށް ދޫކޮށްލުމާ އެކީ ޕްރޮޑިއުސަރު އަދިތިޔާއާ އެކީ ސިދާތު އިށީނދެ "ޓައިގާ ވާސަސް ޕަތާން" އާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ފަށާނެ އެވެ.

މި ފިލްމުގައި ޝާހްރުކް ކުޅޭނީ "ޕަތާން" ގައި އޭނަ ކުޅުނު ކެރެކްޓާ އެވެ. އަދި ސަލްމާން ކުޅޭނީ "ޓައިގާ" ފްރެންޗައިޒްގައި އޭނަ ކުޅޭ ކެރެކްޓާ އެވެ. "ޓައިގާ ވާސަސް ޕަތާން" އަކީ މި ދެ ތަރިންގެ ކުރިމަތިލުންތަކެއް ދައްކުވައިދޭ ގޮތަށް ހަދަން ނިންމާފައިވާ އެއްޗެކެވެ.

ސްޕައި ޔުނިވާސްގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 12 ގައި ރިލީޒްކުރި "ޓައިގާ 3" އެވެ. "ޕަތާން" ގައި ސަލްމާންގެ ހާއްސަ ފެނިލުމެއް ހިމެނުނު ގޮތަށް "ޓައިގާ 3" ގައި ޝާހްރުކްގެ ހާއްސަ ފެނިލުމެއް ވެސް ހިމެނެ އެވެ.

ސްޕައި ޔުނިވާސްގެ ދަށުން ވައިއާރްއެފުން އެންމެ އަވަހަށް ގެނެސްދޭން އޮތް ފިލްމަކީ ރިތިކާއި އެންޓީއާރް ޖޫނިއާއާ އެކީ ހަދަން ތައްޔާރުވަމުން އަންނަ "ވޯ 2" އެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކުރާ މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް 14 ގަ އެވެ.

"ޓައިގާ ވާސަސް ޕަތާން" ގެ ޝޫޓިން 2025 އަށް ފަސްކުރި އިރު، އަންނަ އަހަރުގެ ކުރީކޮޅު ޝާހްރުކާއި ދަރިފުޅު ސުހާނާ ޚާން އެކީގައި ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން ފަށާނެ އެވެ. ސުޖޯއި ގޯޝް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ނަމަކީ "ދަ ކިންގް" ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސަލްމާން ދެން އެންމެ އަވަހަށް ޝޫޓިން ފަށަން އޮތް ފިލްމަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވަތަނީ ފިލްމު "ދަ ބުލް" އެވެ.