Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ޒަމްޒަމަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު

އަރަބިއްޔާ ސްކޫލްގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޒަމްޒަމް ފާރިޝްގެ މައްޗަށް ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވި އެ މައްސަލަ ބަލަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލަ ބަލަން ފެށީ މިދިޔަ މަހުގެ މެދުތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނައުމާ ގުޅިގެންނެވެ. އެހެންވެ ޒަމްޒަމްގެ މައްސަލަ އެޑިއުކޭޝަނާއި ޖެންޑާ މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

ޒަމްޒަމްގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބުނު ކަމަށް ބުނާ ދަރިވަރުންގެ ތެރޭގައި އަންހެން ކުދިންގެ އިތުރުން ފިރިހެން ކުދިން ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ނަމަވެސް މިކަމާ ގުޅިގެން ކަމާބެހޭ އެއްވެސް އިދާރާއަކުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ޒަމްޒަމަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕެއިންގެ ހުރިހާ ހަރަކާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަށް ގޮންޖެއްސެވި ކަމަަށް ބުނެ މުސާރަ ނުލިބޭ ގޮތަށް އަރަބިއްޔާ ސުކޫލުގެ ހަދީސް ޓީޗަރުގެ މަގާމުން މިދިޔަ އަހަރު ސަސްޕެންޑް ވެސް ކުރި ޓީޗަރެކެވެ. ނަމަވެސް ފަހުން އެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޭނަ ސަސްޕެންޑްކުރެވުނީ އޮޅުމަކުން ކަމަށް ބުނެ އެ ނިންމުން ބާތިލުކޮށްފަ އެވެ.