ޝާހްރުކް ޚާނާ އެކީ ފިލްމެއް ހަދަން ވަރަށް ބޭނުން ކަމަށް މިއަދު ސިނަމާތަކަށް ދޫކޮށްލި އިންޑިއާގެ ފިލްމު "އެނިމަލް" ގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ބުނެފި އެވެ.
ރަންބީރް ކަޕޫރް ބަތަލުގެ ރޯލު ކުޅުނު ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން "ޕިންކްވިލާ" އަށް ދިން އިންޓަވިއުއެއްގައި ސަންދީޕް ބުނީ އޭނަ އަކީ އަބަދު ވެސް ޝާހްރުކްގެ ވަރަށް ބޮޑު ފޭނެއް ކަމަށެވެ. އެހެންވެ އޭނައާ އެކީ ފިލްމެއް ހަދަން ކުރެވޭ އުންމީދު ވަރަށް ބޮޑު ކަމަށް ބުންޏެވެ.
"ދާދި ފަހުން ޝާހްރުކާ ދިމާވެގެން ވާހަކަތަކެއް ވެސް ދެކެވުނު. އެ ބައްދަލުވުމުގައި އަހަރެން ބުނިން ވަރަށް ބޭނުމޭ އެކީގައި މަސައްކަތްކޮށްލަން." ސަންދީޕް ބުންޏެވެ.
އޭނަ ބުނީ ޝާހްރުކާ އެކީ މަސައްކަތް ކުރަން ފުރުސަތެއް ފަހިވާނެ ދުވަހެއްގެ އިންތިޒާގައި ހުރި އިރު، މިހާރު އާ ސްކްރިޕްޓެއްގެ މަސައްކަަތް ވެސް ނިންމާފައިވާ ކަމަށެވެ. އަދި އެއީ ކޮމެޑީ ޖޯންރާގެ އެއްޗެއް ކަމަށް 2019 "ކަބީރު ސިންގް" ވެސް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.
"އެނިމަލް" އަށް ފަހު ސަންދީޕް ހަދާ ގޮތަށް އިއުލާންކޮށްފައި އޮތީ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "ސްޕިރިޓް" އެވެ. އޭގެ ބަތަލަކީ "ބާހްބަލީ" ގެ އެކްޓަރު ޕްރަބާސް އެވެ. ނަމަވެސް އެއާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ. "ސްޕިރިޓް" ގެ އިތުރުން "ޕުޝްޕާ" ގެ ބަތަލު އައްލޫ އަރުޖުންއާ އެކީ ފިލްމެއް ހަދަން ވެސް ސަންދީޕް އަންނަނީ ޕްލޭން ކުރަމުންނެވެ.