Last Updated: May 11, 14:31
Sunday, May 11, 2025
ޚަބަރު

ހައްޖު ކޯޕަރޭޝަނާ އެކީ މަޝްވަރާކޮށްފި

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމު ކަންކަން އިތުރަށް ތަރައްގީ ކުރުމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީން ހައްޖު ކޯޕަރޭޝަނާ އެކީ މަޝްވަރާކޮށްފި އެވެ.

އިއްޔެ ބޭއްވި މި މަޝްވަރާގައި މިނިސްޓްރީގެ ފަރާތުން އިސްކޮށް ހުންނެވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދެވެ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލެވެ

މި ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މަޝަވަރާ ކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަޞައްވުރާ އެއްގޮތަށް ޙައްޖަށް ދިއުމުގެ ޚިދުމަތްތައް ތަރައްގީ ކުރުމާ ބެހޭ ގޮތުން ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

ހައްޖު ކޯޕަރޭޝަނަކީ ހައްޖާއި އުމްރާ އަށް މީހުން ގެންދާ ސަރުކާރުގެ ކުންފުންޏެވެ. ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާގެ ބޮޑު ބައި ދެނީ ހައްޖު ކޯޕަރޭޝަނުންނެވެ. ދާދި ފަހުން މިނިސްޓަރު ވިދާޅުވީ ހައްޖަށް މީހުން ގެންދަން އަމިއްލަ ގްރޫޕްތަކުން މާ ބޮޑު އަގު ނަގާ މައްސަލަ ހައްލު ކުރުމަށްޓަކައި ރާއްޖެ އަށް ލިބޭ ހައްޖު ކޯޓާ އެއްކޮށް، ހައްޖު ކޯޕަރޭޝަނަށް ދިނުމަކީ ވެސް ސަރުކާރު ގެންގުޅެމުން އަންނަ ވިސްނުމެކެވެ.

އާ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ އަހަރު ރާއްޖެ އަށް 2،000 ހައްޖު ކޯޓާ ލިބޭތޯ އެވެ. މި އަހަރު ލިބުނީ 1،000 ކޯޓާ އެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ ކޯޓާ އަންނަ އަހަރު ސައުދީ އަރަބިއްޔާ އިން އިތުރުކޮށްދޭނެ ކަމުގެ އުންމީދު ވެސް ބޮޑެވެ.

ސަރުކާރުން މިހާރު ވަނީ އަންނަ އަހަރުން ފެށިގެން އަހަރަކު 100 މީހުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވަން ވެސް ނިންމައިފަ އެވެ.