އަންނަ ޖެނުއަރީގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ފައިޓާ" ޓީޒާ ޓްރެއިލާ އަންނަ އަންގާރަ ދުވަހު އާންމުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޖެނުއަރީ މަހުގެ 25 ގައި ސިނަމާތަކަށް ދޫކޮށްލަން ނިންމާފައިވާ މި އެކްޝަން އޭރިއަލް ތުރިލާގެ ޓީޒާ އަންގާރަ ދުވަހު ބެލުންތެރިންނަށް ދައްކައިލުމަށްޓަކައި، ފިލްމުގެ ޓީމުން މިހާރު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބޮލީވުޑްގެ އަންނަ އަހަރުގެ ފެށުން ވަރުގަދަ ފެށުމަކުން ފަށައިދޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ "ފައިޓާ" އަކީ މި އަހަރުގެ އެންމެ ބޮޑު ހިޓްތަކުގެ ތެރޭގައި ހިމެނޭ ޝާހްރުކް ޚާނާއި ދީޕިކާ ޕަދްކޯންގެ "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދު ހަދާފައިވާ ފިލްމެކެވެ.
މީގެ މައިގަނޑު ކާސްޓުންނަކީ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ އިތުރުން އަނިލް ކަޕޫރެވެ. އިންޑިއާގެ ވައިގެ އަސްކަރިއްޔާ އަށް ޓްރިބިއުޓެއްގެ ގޮތުގައި ގެނެސްދޭ "ފައިޓާ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ކަރަން ސިންގް ގްރޯވާ، ސަންޖީދާ ޝެއިހް އަދި އަކްޝޭ އޮބެރޯއީ ވެސް ހިމެނެ އެވެ.
މި ފިލްމަށް ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާކުރާ އެއް ސަބަބަކީ ރިތިކާއި ދީޕިކާގެ ޖޯޑު ސްކްރީނަށް އަންނަ ފުރަތަމަ ފިލްމަށްވުމެވެ.
"ފައިޓާ" އާ ބެހޭ ގޮތުން ސިދާތު ބުނީ މިއީ އިންޑިއާގެ ހާއްސަކޮށް ބޮލީވުޑްގެ ފިލްމުތަކަށް އާ ބެންޗްމާކަކަށް ވާނެ ކަމަށާއި މިއީ މީގެ ކުރިން ހިންދީ ސިނަމާއި ފެނިފައި ނުވާ ކަހަލަ ފިލްމަކަށް ވާނެ ކަމަށެވެ.
"ފައިޓާ އަކީ މުޅި ޓީމް ވަރަށް ޕެޝަނާ އެކީ ކުރި މަސައްކަތެއް." އޭނަ ބުންޏެވެ.
މި ފިލްމު ހަދާފައި ވަނީ ސިދާތުގެ ކުންފުނި، މާފްލިކްސް ޕިކްޗާސް އާއި ވަޔަކޮމް 18 ގުޅިގެންްނެވެ.