Last Updated: May 11, 19:51
Sunday, May 11, 2025
ދުނިޔެ

އިޒްރޭލު ބައިވެރިވާތީ އިރާނުން ކޮޕް ސަމިޓް ބޮއިކޮޓްކޮށްފި

އިޒްރޭލުން ބައިވެރިވާތީ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ސަމިޓް އިރާނުން ބޮއިކޮޓްކޮށްފި އެވެ.

ޔޫއޭއީގައި މިއަދު ފެށި ކޮޕް ސަމިޓުގައި އިރާނުގެ ފަރާތުން އެންމެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވާން ވަޑައިގެންނެވީ އެގައުމުގެ ހަކަތައާ ބެހޭ ވަޒީރު އަލީ އަކްބަރު މެހްރަބިއާން އެވެ. އެ ސަމިޓަށް އިރާނުން ވަފުދެއް ފޮނުވީ މި ސަމިޓުގައި އިޒްރޭލުން ބައިވެރި ނުވާނެ ކަމަށް ބަލައިގެންނެވެ.

އިރާނުގެ ދައުލަތުގެ މީޑިޔާއާ ވާހަކަދައްކަމުން ހަކަތައާ ބެހޭ ވަޒީރު ވިދާޅުވީ އިޒްރޭލުން ކޮޕް ސަމިޓުގައި ބައިވެރިވުމަކީ އެ ސަމިޓުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ދިމާ އިދިކޮޅު ކަމެއް ކަމަށެވެ. އަދި ސަމިޓު މެދުވެރިކޮށް އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ޖަރީމާތައް ދުނިޔޭގެ ސަމާލުކަމަށް ވީ އެންމެ ބޮޑަކަށް ގެންނަން ބޭނުންވި ނަމަވެސް ސަމިޓް ދޫކޮށް ދިޔައީ އިޒްރޭލުން ސަމިޓުގައި ބައިވެރިވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިރާނުގެ ވަފްދުން ކޮޕް ސަމިޓް ބޮއިކޮޓްކޮށްފައިވާއިރު އިރާނުން މީގެކުރިން ވެސް ވަނީ މި ސަމިޓުގައި އިޒްރޭލު ބައިވެރިކުރުމާ ދެކޮޅު ހަދާފަ އެވެ. އެގޮތުން މި ސަމިޓުގައި އިޒްރޭލު ބައިވެރިނުކުރަން އިރާނުން ވަނީ ސަމިޓު ބާއްވާ ގައުމު ކަމަށްވާ ޔޫއޭއީގައި ވެސް އެދިފަ އެވެ.

ހަނގުރާމަ މެދުކަނޑާލަން ކަނޑައެޅި މުހުލަތު ހަމަވުމާއެކު އިޒްރޭލުން މިއަދު ވަނީ އަނެއްކާވެސް ގާޒާ އަށް ބޮން އަޅަން ފަށާފަ އެވެ. އިޒްރޭލުން ހަމަލާތައް އަލުން ފެށުމާއެކު ގާޒާ އަށް އިންސާނީ އެހީ ވެއްދުން ވެސް މިހާރު ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 15،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.