Last Updated: May 11, 18:14
Sunday, May 11, 2025
ދުނިޔެ

ގާޒާ އިން އެއް ދުވަސްތެރޭ 180 މަރު

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް އަލުން ދޭން ފެށި ހަމަލާތަކުގައި އިއްޔެ އެކަނި 180 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.

ހަނގުރާމަ ހަފްތާއަކަށް މެދުކަނޑާލުމަށްފަހު އިޒްރޭލުން އިއްޔެ އަލުން ވަނީ ގާޒާގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދޭން ފަށާފަ އެވެ.

ގާޒާގެ ހެލްތު އޮފިޝަލުން ވިދާޅުވި ގޮތުގައި އިޒްރޭލުން އިއްޔެ ދޭން ފެށި ހަމަލާތަކުގައި 184 މީހަކު ޝަހީދުވެ 589 މީހަކަށް ވަނީ އަނިޔާވެފަ އެވެ. އަދި 20 އަށް ވުރެ ގިނަ ގެތަކަށް އިޒްރޭލުން ހަމަލާތައް އަމާޒުކޮށްފައިވެ އެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުގެ ހަމަލާތައް އެންމެ ބޮޑަށް އިއްޔެ އަމާޒުކޮށްފައިވަނީ ގާޒާގެ ދެކުނުގެ ސަރަހައްދުތަކަށެވެ. އެގޮތުން އެ ސަރަހައްދުތަކަށް ހަމަލާތައް ދޭން ފެށުމުގެ ކުރިން އިޒްރޭލުން ވަނީ އެ ސަރަހައްދުން ރައްޔިތުން އެހެން ސަރަހައްދުތަކަށް ދިޔުމަށް އިންޒާރުދީފަ އެވެ.

މި ހަމަލާތަކުގެ ރައްދުގައި ހަމާސް ޖަމާއަތުން ވެސް ވަނީ އިޒްރޭލަށް ހަމަލާތަކެއް ފޮނުވާލާފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 15،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.