Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

ދުވަސްތަކެއް ފަހުން ރާކީ ފިލްމެއް ކުޅެނީ

ހިންދީ ސިނަމާގައި 70 ގެ ތެރޭގައި އެންމެ ގަދަ އަށް ފިޔަ ޖެހި ބަތަލާއިންގެ ތެރޭގައި ހިމެނޭ ރާކީ ދުވަސްތަކެއް ފަހުން އަނެއްކާ ވެސް ފިލްމެއް ކުޅެން ތައްޔާރުވާން ފަށައިފި އެވެ.

މިހާރު އުމުރުން 76 އަހަރުގެ ބަތަލާ ސޮއިކޮށްފައި ވަނީ "އަމަރު ބޮސް" ކިޔާ ބެންގާލީ ފިލްމަކަށެވެ. މީގެ ޑައިރެކްޓަރުންނަކީ ނަންދިތާ ރޯއި އާއި ޝިބޯޕްރަޒސާދު މުކަރްޖީ އެވެ. އަންނަ މަހުގެ 3 ގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ "އަމަރު ބޮސް" ގައި ރާކީ ކުޅޭނީ މައި ކެރެކްޓާ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާ، ބެންގާލީ ފިލްމަކަށް ސޮއިކުރި އިރު، އޭނަ އެންމެ ފަހުން ކުޅުނީ ވެސް ބެންގާލީ ފިލްމެކެވެ. އެއީ 2019 ގެ "ނިރުބާން" އެވެ. ރާކީގެ ފިލްމަކަށް އެންމެ ފަހުން ސިނަމާތަކަށް އައީ 2003 ގެ ބެންގާލީ މިސްޓްރީ ތުރިލާ "ޝުބޯ މަހޫރަތު" އެވެ. އެ ފިލްމުން އޭނަ އަށް އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ލިބުނެވެ.

ރާކީގެ ފިލްމީ ކެރިއަރުގެ ފެށުމަކީ ވެސް ބެންގާލީ ފިލްމެކެވެ. އެއީ 1967 ގެ "ބަދޫ ބަރަން" އެވެ. އޭނަގެ ފުރަތަމަ ހިންދީ ފިލްމަކީ ދަރުމެންދުރާއާ އެކީ ކުޅުނު 1970 ގެ "ޖީވަން މިރުތިޔޫ" އެވެެ. ރާކީ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ދާގު: އަ ޕޮއެމް އޮފް ލަވް"، "ތަޕަސިއާ"، "ކަބީ ކަބީ"، "ދޫސްރާ އާދުމީ، އަދި މުގައްދަރު ކާ ސިކަންދަރު" ފަދަ ފިލްމުތައް ހިމެނެ އެވެ.

އަށްޑިހަ އާއި ނުވަދިހައިގެ ތެރޭގައި ރާކީ ވަރަށް ގިނަ ފިލްމުތަކުގައި ސަޕޯޓިން ރޯލުތައް ކުޅެފައިވެ އެވެ. ހާއްސަކޮށް މަންމައެއްގެ ރޯލެވެ.

ރާކީ އަކީ މަޝްހޫރު ޅެންވެރިޔާ ގުލްޒާރުގެ އަންހެނުންނެވެ. އިއްޔެ ސިނަމާތަކަށް ގެނައި އެކްޓަރު ވިކީ ކޯޝަލްގެ ފިލްމު "ސޭމް ބަހާދޫރް" އަކީ ރާކީ އާއި ގުލްޒާރުގެ ހަމައެކަނި ދަރިފުޅު މެގްނާ ގުލްޒާރު ޑައިރެކްޓްކުރި އެއްޗެކެވެ.