Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

އަރުބާޒާއި ބިދޭސީ ލޯބިވެރިޔާ ރުޅިވެއްޖެ!

ބޮލީވުޑްގެ ތަރި ސަލްމާން ޚާންގެ ކޮއްކޮ އެކްޓަރު އަރްބާޒް ޚާނާއި ބިދޭސީ ލޯބިވެރިޔާ ޖިއޯޖިއާ އެންޑްރިއާނީ ރުޅިވެއްޖެ އެވެ.

މިކަން ކަށަވަރުކޮށް ދެމުން އިޓަލީ އަށް އުފަން މޮޑެލް/ބަތަލާ ބުނީ އެ މީހުން ވަކިވީ ދެ މީހުންގެ މެދުގައި ހުރި ތަފާތުތަކާ ހެދި ކަމަށެވެ. އެންމެ ބޮޑު އެއް ސަބަބަކީ އުމުރުގައި ހުރި ފަރަގެވެ. އަރްބާޒާއި ޖިއޯޖިއާގެ އުމުރުގައި 23 އަހަރުގެ ފަރަގެއް އެބަހުއްޓެވެ. އަރްބާޒަށް މިހާރު 56 އަހަރެވެ. ޖިއޯޖިއާ އަށް 33 އަހަރެވެ.

އަރްބާޒަކީ މިހާރު އެކްޓަރު އަރުޖުން ކަޕޫރް، 38، އާ ރައްޓެހިވެގެން އުޅޭ މަލައިކާ އަރޯރާ، 50، ގެ ކުރީގެ ފިރިމީހާ އެވެ. އެ ދެ މީހުން ކައިވެނި 2017 ގައި ރޫޅައިލި އިރު، ލިބިފައިވާ ދަރިފުޅު އަރުހާން ޚާނަށް މިހާރު 21 އަހަރެވެ.

އަރްބާޒާއި ޖިއޯޖިއާ ރައްޓެހިވީ 2018 ގަ އެވެ. އެ ގުޅުން ވަރަށް ސީރިސްވެ، ކައިވެނިކުރަން އުޅޭކަމުގެ އަޑުތަކެއް ވެސް އެރި އެވެ. އަދި އަރްބާޒްގެ އާއިލާއާ ޖިއޯޖިއާ މެދު ވަރަށް ގާތް ގުޅުމެއް ވެސް އޮތެވެ. އެ ދެ މީހުން ރުޅިވުމާ ގުޅިގެން ދެ މީހުންގެ އިންސްޓަގްރާމުން ވަނީ އެކީގައި ނަގާފައިި ހުރި ފޮޓޯތައް ވެސް ޑިލީޓްކޮށްފަ އެވެ.

ނަމަވެސް ގުޅުން މިހާރު ނިމުމަމަށް އައިސްފައިވާ ކަމަށާއި ދެ މީހުން ރުޅިވި އިރު، އެ ގުޅުން މާ ގިނަ ދުވަހަކަށް ދެމިނޯބްނާނެކަމަށް ކުރިން ވެސް ގަބޫލުކުރި އައި ކަމަށް 2021 ގައި އަރްބާޒާ އެކީ ރާއްޖެ އަށް ވެސް އައި ޖިއޯޖިއާ ބުންޏެވެ.

"އެކަމަކު އަބަދު ވެސް އަހަރެންގެ ހިތުގައި އަރުބާޒަށް ހާއްސަ މަގާމެއް އޮންނާނެ." އޭނަ ބުންޏެވެ.

ބޮލީވުޑްގެ 2017 ގެ ފިލްމު "ގެސްޓް އިން ލަންޑަން" ގެ ރޯލެއް ކުޅުމުގެ އިތުރަށް ބައެއް ވީޑިއޯ ލަވަތައް ވެސް ކުޅެފައިވާ ޖިއޯޖިއާ ބުނީ ދެން ބޭނުން ވަނީ އަމިއްލަ ކެރިއަރަށް ފޯކަސްކުރަން ކަމަށެވެ.

"އަމިއްލަ އައިޑެންޓިޓީއެއް ކޮންމެ މީހަކަށް ވެސް ވަރަށް މުހިއްމު ވާނެ. ފާއިތުވި މި ދުވަސްތަކުގައި ގިނަ ބަޔަކަށް އަހަރެން އެނގުނީ ވަކި މީހެއްގެ ލޯބިވެރިޔާ ގޮތުގައި،" އޭނަ ބުންޏެވެ. "މުހާތަބު ވެސް ކުރަމުން އައީ އެގޮތަށް. އެކަމަކު އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫން."

އަރްބާޒްގެ ކައިވެނި ރޫޅި، މިހާރު ލޯބިވެރިޔާ ވެސް ބީގެން ދިޔަ އިރު، ހަގު ފިރިހެން ކޮއްކޮ ސުހައިލް ޚާންގެ ކައިވެނި ވެސް މިދިޔަ އަހަރު ވަނީ ރޫޅިފަ އެވެ. ސުހައިލާއި ސީމާ ސަޖްދޭ އަށް ދެ ކުދިން ތިބެ އެވެ.

އަރްބާޒާއި ސުހައިލްގެ ކައިވެނި ފެއިލްވެގެން ދިޔަ އިރު، އެ މީހުންގެ ބޭބެ ސަލްމާން 58، މިހާތަނަށް ކައިވެންޏެއްކޮށްފައެއް ނުވެ އެވެ.

އެ އާއިލާގައި ދެން ތިބެނީ އަންހެން ދެބައިންނެވެ. އެއީ ކުރީގެ އެކްޓަރު އަދި މިހާރުގެ ޕްރޮޑިއުސަރު އަތުލް އަގްނިހޯތުރީގެ އަންހެނުން އަލްވިރާ ޚާނާއި އެކްޓަރު އާޔޫޝް ޝަރުމާގެ އަންހެނުން އަރްޕިތާ ޚާނެވެ.