ކުރީގެ ރައީސް އަދި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެޕާޓީގެ ބައެއް ކޮމިޓީތަކާ ބައްދަލުކުރައްވައިފިއެވެ.
އެމްޑީޕީން ބުނެފައިވަނީ ރައީސް ސޯލިހް އެ ޕާޓީގެ ކެމްޕެއިން ކޮމިޓީ، މީޑިއާ ކޮމެޓީ އަދި ފިޔަވަޅުއަޅާ ކޮމިޓީގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ އިތުރު ތަފްސީލެއް އެމްޑީޕީން ހާމަކޮށްފައެއް ނުވެއެވެ.
ޕާޓީގެ ރައީސް ޕާޓީގެ ކެމްޕެއިން ކޮމިޓީ، މީޑިއާ ކޮމެޓީ އަދި ފިޔަވަޅުއަޅާ ކޮމިޓީގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފި pic.twitter.com/1PcVPzETDu
— MDP Secretariat (@MDPSecretariat) December 2, 2023
މިއީ ރައީސް ސޯލިހް އެމްޑީޕީގެ ވަގުތީ ރައީސްގެ މަގާމަށް ހަމަޖެއްސުނުފަހުން ޕާޓީގެ ކޮމިޓީތަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ރައީސް ސޯލިހް އެމްޑީޕީގެ ވަގުތީ ރައީސްގެ މަގާމަށް ހަމަޖައްސާފައިވަނީ އެޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްގެންނެވެ.
އެމްޑީޕީގެ ވަގުތީ ރައީސް ސޯލިހް ޕާޓީގެ ބައެއް ކޮމިޓީތަކާ ބައްދަލުކޮށްފައިވާއިރު އެޕާޓީގެ ފަރާތުން ކެންޑިޑޭޓަކު ވާދަކުރާ އެންމެ ވާދަވެރި އިންތިހާބަކަށް ކުރިމަތީގައި އޮތީ މާލެސިޓީ މޭޔަރުގެ އިންތިހާބެވެ. އަދި އަންނަ އަހަރު ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.