Last Updated: July 23, 18:20
Thursday, July 23, 2026
މުނިފޫހިފިލުވުން

"މެރީ ކްރިސްމަސް" އަކީ އެންމެ އުނދަގޫ ފިލްމު

އަންނަ މަހު ރިލިޒްކުރަން ހަމަޖެހިފައިވާ ތުރިލާ "މެރީ ކްރިސްމަސް" އަކީ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ އުނދަގޫ ފިލްމު ކަމަށް ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ބުނެފި އެވެ.

ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ މި އަހަރުގެ "ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް" ގެ ޕެނެލް ޑިސްކަޝަނެއްގައި އެ ފިލްމުގެ ތަޖުރިބާ ހިއްސާކުރަމުން ކެޓްރީނާ ބުނީ އެންމެ އުފާވި ކަމަކީ އޭނަގެ ބަކެޓްލިސްޓްގައި ހިމެނޭ ޑައިރެކްޓަރެއް ކަމަށްވާ ސްރީރާމް ރަގްވަންއާ އެކީ މަސައްކަތްކުރަން ލިބުން ކަމަށެވެ.

"މެރީ ކްރިސްމަސްއާ އެކީ ލިބުނު އެ ފުރުސަތާ އެކީ މި ފިލްމަކީ އަހަރެންގެ ހުނަރު ނެރެން ޑައިރެކްޓަރު ވަރަށް ބޮޑަށް މަސައްކަތްކުރި ފިލްމެއް. އެހެންވެ މިއީ ކެރިއަރުގެ އެންމެ އުނދަގޫ ފިލްމު ވެސް މެ." ސިނަމާތަކުގައި ދައްކަމުން އަންނަ "ޓައިގާ 3" ގެ ބަތަލާ ބުންޏެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކެޓްރީނާ ބުނީ ސްރީރާމް އަކީ އޭނަގެ އެކްޓަރުން ލައްވައި މެކްސިމަމް ނެރެން މަސައްކަތް ކުރުވާ ޑައިރެކްޓަރެއް ކަމަށާއި "މެރީ ކްރިސްމަސް" ގައި ކުޅުނު ރޯލަކީ ވަރަށް ޗެލެންޖިން ރޯލެއް ކަމަށެވެ.

"މި ފިލްމުގެ ހާއްސަ އެއް ކަމަކީ ހިންދީ ބަހުންނާއި ތަމަޅަ ބަހުން އެކީގައި ޝޫޓްކުރުން. އަދި ފާހަގަކޮށްލަން ތަމަޅަ ވާޝަނަށް އެ ބަހުން ސީދާ އަހަރެން ވާހަކަ ދައްކާފައި ހުންނާނެ،" އެކްޓަރު ވިކީ ކޯޝަލްގެ އަންހެނުން ބުންޏެވެ. "އެހެންވެ ފިލްމަށް ކުރެވުނު މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި މި ހުރީ."

"މެރީ ކްރިސްމަސް" ސިނަމާތަކަށް ގެންނަން އޮތީ އަންނަ މަހުގެ 12 ގަ އެވެ. މި ފިލްމުގެ ބަތަލަކީ މަޝްހޫރު ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ އެވެ. އޭނަ އަށް ތައުރީފު ކުރަމުން ކެޓްރީނާ ބުނީ ވިޖޭ އަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށެވެ.

"މެރީ ކްރިސްމަސް" ގެ ކާސްޓްގައި ސަންޖޭ ކަޕޫރް، ވިނޭ ޕަތަކް، ރާދިކާ ސަރަތުކުމާރު އަދި ޓީނޫ އާނަންދު ހިމެނެ އެވެ. އަދި މީގެ ހާއްސަ ފެނިލުމަކުން ސްރީރާމް އެންމެ ފަހުން ގެނެސްދިން 2018 ގެ "އަންދާދުން" ގެ ރޯލެއް ކުޅުނު ރާދިކާ އަޕްޓޭ ވެސް ފެންނާނެ އެވެ.