އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވުލްވްސް މައްޗަށް 2-1 އިން އާސެނަލުން ކުރި ހޯދިއިރު، ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިވެއްޖެ އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ 14 މެޗުން ލިބުނު 33 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 13 މެޗުން 29 ޕޮއިންޓު ހޯދައިގެން އޮތީ މެންޗެސްޓާ ސިޓީ އެވެ. ނިއުކާސަލް އޮތީ 26 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައި ކަމަށްވާއިރު ޔުނައިޓެޑް އޮތީ 24 ޕޮއިންޓާ އެކު ލީގުގެ 7 ވަނައިގަ އެވެ.
އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 15 މިނެޓްތެރޭ އާސެނަލުން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފަ އެވެ. މެޗުގެ ހަވަނަ މިނެޓްގައި އާސެނަލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާ ކަމަށްވާއިރު ދެވަނަ ގޯލު މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް އެވެ. މި ދެ ގޯލަށްފަހު އާސެނަލުން ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ވުލްވްސްގެ ހަމައެކަނި ގޯލު މެޗުގެ 86 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މެތިއުސް ކޫންޔާ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދި މެޗުގައި ނިއުކާސަލްގެ ހަމައެކަނި ގޯލު މެޗުގެ 55 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންތޮނީ ގޯޑަން އެވެ. ކިއެރެން ޓްރިޕިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ގޯޑަން މި ގޯލު ކާމިޔާބު ކުރީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ އެވެ. ޔުނައިޓެޑްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ނިއުކާސަލްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.