Last Updated: May 9, 14:09
Friday, May 9, 2025
މުނިފޫހިފިލުވުން

ލޯކް ސަބާ އަށް ވާދަކުރާކަށް ނޫޅެން: ކަންގަނާ

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ގޮނޑިއަކަށް ބަތަލާ ކަންގަނާ ރަނާވަތު އަންނަ އަހަރު ވާދަކުރަން އުޅޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އޭނަ ދޮގުކޮށްފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެރިކަން ކުރާ ބީޖޭޕީގެ ޓިކެޓްގައި ކަންގަނާ ވާދަކުރަން ނިންމާފައި ވަނީ ޗަންދީގަޅްގެ ގޮނޑިއަށެވެ. އެ ދާއިރާ މިހާރު ތަމްސީލުކުރަނީ ބީޖޭޕީގެ މެންބަރެއްގެ ގޮތުގައި ބަތަލާ ކިރަން ކޭރެވެ. އޭނަ އަކީ މަޝްހޫރު އެކްޓަރު އަނޫޕަމް ކޭރްގެ އަންހެނުންނެވެ.

ލޯކް ސަބާގެ ޗަންދީގަޅް ގޮނޑި އަށް ކަންގަނާ ވާދަކުރަން އުޅޭ ކަމަށް ބުނެ މީޑިއާއަކުން ގެނެސްދިން ޚަބަރެއްގެ ސްކްރީންޝޮޓަކާ އެކީ ކަންގަމާ އިންސްޓަގްރާމް ސްޓޯރީގެ ޕޯސްޓެއްގައި ބުނީ އެ ޚަބަރު އޭނައާ އާއިލާ އާއި ގާތް ވަރަށް ގިނަ ބަޔަކު ހިއްސާކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް އެ ޚަބަރުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި ލޯކް ސަބާ އަށް ވާދަކުރާނެ ކަމަށް ބުނެ އޭނައާ ހަވާލާދީ ގެނެސްދީފައި ވަނީ ދެއްކި ވާހަކަތަކެއް ނޫން ކަމަށް ވެސް ކަންގަނާ ބުންޏެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ މީގެ ކުރިން އެތައް ޕްލެޓްފޯމެއްގައި ސިޔާސީ ދާއިރާ އަށް ޝައުގުވެރިވާ ވާހަކަ އާއި ކުރިއަށް އޮތް ތަނުގައި އެ ދާއިރާ އިން ފެނިދާނެ ކަމަށް ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ބުނެފައިވާކަމެވެ.

ކަންގަނާގެ އެންމެ ފަހުގެ ފިލްމަކީ އޮކްޓޯބަރުގައި ރިލީޒްކޮށް، ފްލޮޕްވި "ތޭޖާސް" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ކުޅެ، ޑައިރެކްޓްކޮށްފައިވާ "އިމަޖެންސީ" އެވެ. އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލު ކަންގަނާ ކުޅެފައިވާ އެ ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި ނުނިންމަ އެވެ.