އައިވީއެފްގެ ހަދައިގެން ބަލިވެއިން ގާނާގެ 70 އަހަރުގެ މީހަކަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ އެވެ.
ސަފީނާ ނަމޫކްވާޔާ އަށް ލިބުނީ ދެ ޖިންސްގެ ދެ ކުދިންނެވެ. އެއީ މިދިޔަ މަހުގެ 29 ގަ އެވެ. ބަލިއިންތާ 31 ވަނަ ހަފުތާގައި ސިޒޭރިއަން ހަދައިގެން ނެގި ދެ ކުދިންގެ ހާލު ވެސް ރަނގަޅެވެ.
ސަފީނާ ވިހެއީ ޔުގަންޑާގެ ވެރިރަށް، ކަމްޕާލާގެ ވިމެންސް ހޮސްޕިޓަލް އިންޓަނޭޝަނަލް އެންޑް ފާޓިލިޓީ ސެންޓަރު (ޑަބްލިއުއެޗްއައިއެންޑްއެފްސީ) ގަ އެވެ. އެތަނުގެ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ ސަފީނާ އަކީ އައިވީއެފްގެ މެދުވެރިކޮށް އެފްރިކާ ބައްރުގައި އެއްމާބަނޑު ދެ ކުދިން ލިބުނު އެންމެ ދުވަސްވީ މީހާ ކަމަށެވެ.
އުމުރުން 70 އަހަރުގައި ދެ ކުދިން ލިބުނު އިރު، ސަފީނާ އަށް ކުރިން ވެސް ދަރިއަކު ލިބިފައިވެ އެވެ. އެއީ މިހާރު އުމުރުން 3 އަހަރުގެ އަންހެން ކުއްޖެކެވެ.
"ވަރަށް އުފާވެއްޖެ އުމުރުން މިހާ ދުވަސްވެފައި ހުއްޓައި އެއްމާބަނޑު ދެ ކުދިން ލިބުނީމަ." އޭނަ ބުންޏެވެ.
އޭނަ ބުނީ އާއިލާ އަށް އިތުރުވި ދެ ކުދިންނާ އެކީ ބޮޑު އުފާވެރި ކަމެއް ލިބިފައިވާ ކަމަށެވެ. އަދި އެންމެ އުފާވަނީ ދަރިންގެ ކަންކަމުގައި އަވައްޓެރިންގެ އެހީތެރިކަން ލިބޭތީ ކަމަށް ބުންޏެވެ.
"އަހަރެން އުމުރުން ދުވަަސްވެފައި އިނީމަ ދަރިން ބެލުމުގެ ކަންކަމުގައި އަވައްޓެރިންގެ އެހީތެރިކަން އިންތިހާ އަށް އެބަ ލިބޭ." ސަފީނާ ބުންޏެވެ.
އޭނަ ކިޔައިދިން ގޮތުގައި އުމުރުން ދުވަސްވެފައި ހުއްޓައި ދަރިން ހޯދަން ބޭނުންވީ ދަރިން ނެތުމުން ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިވާތީ ކަމަށެވެ. ސަފީނާގެ ފުރަތަމަ ދަރިފުޅު އުފަންވީ 2020 ގަ އެވެ.