ފެނަކަ ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރަން އެ ކުންފުނިން ނިންމައިފި އެވެ.
ފެނަކަ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މީޑިއާއަކަށް މިއަދު ވިދާޅުވީ، ކުށުގެ ރެކޯޑު ސާފުކުރަން މުވައްޒަފުންނަށް އެންގީ، ކުރީގެ ސަރުކާރުތަކުގައި އެ ކުންފުންޏަށް މުވައްޒަފުން ނަގާ އިރު ކުށުގެ ރެކޯޑު ސާފު ނުކުރާތީ ކަމަށެވެ.
އޭނަ ވިދާޅުވީ ގޮތުގައި މިކަން ކުރަނީ ހުރިހާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ.
މަޑަވެލި ދާއިރާގެ ކުރީގެ މަޖިސްލި މެމްބަރު ވިދާޅުވީ، ފެނަކަ އިން ވަޒީދާ ދޭއިރު، ކުށުގެ ރެކޯޑު ސާފު ނުކުރާތީ ބައެއް ކަހަލަ މައްސަލަތައް ވެސް ދިވާމުންދާ ކަމަށެވެ. އެގޮތުން ކުރިން މަރުގެ މައްސަލައެއްގައި ވެސް އެ ކުންފުންޏެއްގެ މުވައްޒަފަކު ބައިވެރިވެފައިވާ ކަން ހާމަވެފައިވާ ކަމަށް ވިދާޅުވި ވެ. އެހެންވެ، އެފަދަ ކަންކަން ނުހިނގާނެ ގޮތަކަށް ކުންފުނީގެ ކަންކަން ހަމަޖެއްސުމަށް މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރަން ވަރަށް މުހިއްމު ކަމަށް މުއާޒު ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި، ކުށުގެ ރެކޯޑް ސާފުކުރުން މި ހަފުތާގައި ނިމޭނެ އެވެ. އެގޮތުން ޖިނާއީ ކުށެއް ސާބިތުވާ މުވައްޒަފުންނާ މެދު ކުންފުނީގެ ލީގަލް ޑިޕާޓްމެންޓުން ގޮތެއް ނިންމާނެ ކަމަށެވެ.
ފެނަކައިގެ މުވައްޒަފުންގެ އަދަދު 8،000 އަށް އަރާ އިރު، ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ 2،000 ވެސް އުޅެ އެވެ.
ފެނަކަ އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮރަޕްޝަންގެ ތުހުމަތުތައް އެންމެ ބޮޑަށް ކުރެވުނު އަދި ސިޔާސީ މަންފާ އަށް ވަޒީފާ ދެމުން ދި ކަމަށް ވާހަކަ ދެކެވުނު ކުންފުންޏެކެވެ.