Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

ޔާމީން ނެތުމަކީ ޗެލެންޖެއް ނޫން: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އައު ޕާޓީއެއް ހައްދަވައި ވަޑައިގަތަސް އެކަމުން މާ ބޮޑު ކަންތަތަކެއް ނުވާނެ ކަމަށް ރައީސުލްޖުމުހޫއްރީއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު މިއަދު ޤައުމަށް އެނބުރި ވަޑައިގެން އެމަނިކުފާނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ޔާމީން އައު ޕާޓީއެއް އުފެއްދެވުމާއި އެކު މަޖިލިސް އިންތިހާބު ސަރުކާރަށް ގެއްލިދިއުމާމެދު ރައީސްއާއި ނޫސްވެރިއަކު ސުވާލު ކުރެއްވިއެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެގޮތަށް (އައު ޕާޓީއަކާއިގެން) ކުރިއަށް ދިއުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ޤައުމުގެ ސިޔާސީ ލީޑަރުންވެސް ވިސްނަވާނީ ޤައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެމަނިކާފުނު ކުރިއަށް ދާނީ ޤައުމީ ވިސްނުމުގައި ކަމަށާއި އެގޮތަށް ކުރިއަށްދާން ބޭނުންވާ ހުރިހާ ފަރާތްތަކާއި އެކު ކުރިއަށްދާން ހުންނެވި ކަމަށެވެ.

" އިރާދަ ކުރެއްވީޔާ އެގޮތަށް ކުރިއަށްދާނީ. އަދި ޗެލެންޖުތައް ކުރިމަތިވަންޏާ އެ ޗެލެންޖުތަކާއި އެކީގައިވެސް އަޅުގަނޑުމެން ޤައުމީ ވިސްނުމުގައި ކުރިއަށް ދެވޭނެ. (ޔާމީން ޕާޓީ އުފެއްދުމަކުން) އަޅުގަނޑަކަށް ނުފެނޭ އަޅުގަނޑުމެންގެ ތެރޭގައި މާ ބޮޑެތި ކަންތައްތަކެއް އުފެދިގެން ދާނެ ކަމަކަށް " ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސީދާ ރައީސް ޔާމީންއަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ނުދެއްކެވިއަސް އެމަނިކުފާނު ވަނީ އެކުވެރިކަމާއިއެކު ގުޅިގެން ބައިބައި ނުވެ ކުރިއަށް ދިއުމަށް ހުވާ ކުރެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިކަން ފާހަގަކޮށްފައެވެ.

މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔަމީން އިސްވެ ހުންނަވާ "ޕީޕަލްސް ނޭޝަނަލް ފްރަންޓް" ގެ ނަމުގައި އައު ޕާޓީއެއް ރެޖިސްޓަރ ކުރައްވާ މިހާރު މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ރައީސް ޔާމީނާއި އެއްވެސް ގުޅުމެއް ނުބާއްވާ ކަމަށް ބުނެ ޕީޕީއެމްއިން ޔާމީން ވަކިވެވަޑައިގެންނެވި އިރު، ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު އެންމެ ބޮޑަށް ވާކާލާތު ކުރެއްވީ، ރައީސް ޔާމީނަށް ކޮށްފައިވަނީ ނުހައްޤު ހުކުމެއް ކަމަށެވެ. އަދި އެ މަނިކުފާނުގެ ވެރިކަމެއްގައި ރައީސް ޔާމީން މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.