އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ޓޮޓެންހަމް ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވެއްޖެ އެވެ.
މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން އެއްވަރުވި ތިންވަނަ މެޗެވެ. މި ނަތީޖާއާއެކު ސިޓީ މިހާރު އޮތީ 14 މެޗުން ލިބުނު 30 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ދެވަނައިގައި 31 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު އެއްވަނައިގައި 33 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ހަވަނަ މިނެޓްގައި ސޮން މިން ހެއުން ވަނީ ޓޮޓެންހަމަށް ލީޑު ނަގާދީފަ އެވެ. ނަމަވެސް އޭގެ ތިން މިނެޓް ފަހުން ސޮން އަތުން ވަތް ބައި ގޯލަކުން ސިޓީން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. ނަތީޖާ އެއްވަރުކުރުމަށް ފަހު ސިޓީން ދިޔައީ ޓޮޓެންހަމްގެ ގޯލަށް ކައިރިކައިރީގައި ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 31 ވަނަ މިނެޓްގައި ފިލް ފޮޑެން ވަނީ ސިޓީ އަށް ލީޑު ނަގާދީފަ އެވެ.
މި ގޯލަށް ފަހު ވެސް ސިޓީ އަށް ފުރަތަމަ ހާފުގައި ލީޑު ފުޅާކޮށްލަން ފުރުސަތުތަކެއް ލިބިފައިވެ އެވެ.
ދެވަނަ ހާފުގައި ޓޮޓެންހަމުން ކުޅުން ރަނގަޅު ކުރިއިރު މެޗުގެ 69 ވަނަ މިނެޓްގައި ޖިއޮވާނީ ލޮ ސެލްސޯ ވަނީ ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ 81 ވަނަ މިނެޓްގައި ޖެކް ގްރީލިޝްގެ ގޯލުން ސިޓީން އަލުން ލީޑު ނެގިއިރު މެޗުގެ 90 ވަނަ މިނެޓްގައި ޓޮޓެންހަމުން ނަތީޖާ އެއްވަރުކުރީ ޑެޖާން ކުލުސެވްސްކީ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލިވަޕޫލުން ވަނީ ފަހަތުން އަރާ 4-3 އިން ފުލަމް ބަލިކޮށްފަ އެވެ. ޗެލްސީން އަމިއްލަ ދަނޑުގައި ކުޅެ ބްރައިޓަންގެ މައްޗަށް 3-2 އިން ކުރި ހޯދިއިރު ވެސްޓްހަމް އާއި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި ބޯންމަތް އާއި އެސްޓަންވިލާ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.