Last Updated: May 11, 21:55
Sunday, May 11, 2025
ކުޅިވަރު

އެތުލެޓިކޯ އަތުން ބާސާ މޮޅުކޮށް ދިނީ ފެލިކްސް

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން އެތްލެޓިކޯ މެޑްރިޑް 1-0 އިން ބަލިކޮށްފި އެވެ.

މި މޮޅާ އެކު ބާސާ އޮތީ 15 މެޗުން ލިބުނު 34 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ދެވަނައިގައި 38 ޕޮއިންޓާ އެކު ޖިރޯނާ އޮތްއިރު އެއްވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް އެ އަދަދަށް ވަނީ ޕޮއިންޓު ލިބިފަ އެވެ. ރެއާލަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 28 ވަނަ މިނެޓްގައި ބާސާ އަށް ކާމިޔާބުކޮށްދިނީ ލޯނެއްގެ ދަށުން އެތްލެޓިކޯ އިން ބާސާ އަށް ބަދަލުވި ޔާއޯ ފެލިކްސް އެވެ. ފެލިކްސް މި ގޯލު ކާމިޔާބު ކުރީ އެތްލެޓިކޯގެ ކީޕަރު އޮބްލަކްގެ ބޯމަތިން ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. މިއީ ލީގުގައި ފެލިކްސް ކާމިޔާބުކުރި ދެވަނަ ގޯލެވެ.

ބާސާގެ ލީޑު ފުޅާކޮށްލަން ރޮބަޓް ލެވެންޑޯސްކީ އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، އެތްލެޓިކޯ އިން ދެވަނަ ހާފުގައި ބާސާގެ ޑިފެންސްލައިނަށް ވަނީ ނުރައްކާކޮށްފަ އެވެ. އެގޮތުން ކުރިން ބާސާ އަށް ކުޅުނު މެމްފިސް ޑެޕާއި ފޮނުވާލި ހިލޭ ޖެހުމެއް ބާސާގެ ގޯލުގެ ދަނޑި އަށް ވެސް ވަނީ އަމާޒުވެފަ އެވެ.

ލީގުގައި ބާސާ ދެން ބައްދަލުކުރާނީ ދެވަނައިގައި އޮތް ޖިރޯނާއާ އެވެ.