Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ތުރުކީން ގާޒާ އަށް 3.4 މިލިއަން ޑޮލަރުގެ އެހީ

ތުރުކީ ރެޑް ކްރެސެންޓުގެ ފަރާތުން ފަލަސްތީނުގެ ގާޒާ އަށް 3.4 މިލިއަން ޑޮލަރުގެ އެހީ ފޮނުވައިފި އެވެ.

ތުރުކީގެ އިސްތަންބޫލްގައި އިއްޔެ ބޭއްވި އިވެންޓެއްގައި ތުރުކީ ރެޑް ކްރެސެންޓުގެ އިސްވެރިޔާ ފާތިމާ މަރެކް ޔިލްމާޒް ވިދާޅުވީ އެ ޖަމިއްޔާ އަށް މުޅިއަކު 17.3 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ލިބިފައިވާ ކަމަށާއި އޭގެތެރެއިން 20 ޕަސެންޓް ގާޒާ އަށް މިހާރު ފޮނުވާފައިވާނެ ކަމަށެވެ.

ތުރުކީ ރެޑް ކްރެސެންޓުން ވަނީ 11 އެއާކްރާފްޓާއި ދެ މަނަވަރު މެދުވެރިކޮށް އިންސާނީ ބައެއް އެހީތައް ވެސް ގާޒާ އަށް ފޮނުވާފަ އެވެ.

ހަނގުރާމަ ހަފްތާއަކަށް މެދުކަނޑާލުމަށްފަހު އިޒްރޭލުން އަލުން ގާޒާ އަށް ހަމަލާތައް ދޭން ފަށާފައިވާއިރު، ފާއިތުވި 24 ގަޑިއިރުތެރޭ އެކަނި މި ހަމަލާތަކުގައި ގާޒާ އިން ވަނީ 700 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 15،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.