Last Updated: May 9, 14:09
Friday, May 9, 2025
މުނިފޫހިފިލުވުން

ފިލްމީ ކަލަންޑަރު ނިންމާނީ "ނޮވެމްބާ" އިން

މި އަހަރުގެ ފިލްމީ ކަލަންޑަރު ނިންމައިލާ ފިލްމުގެ ގޮތުގައި ގެނެސްދޭ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ނޮވެމްބާ" މިރޭ އޮލިމްޕަހުގައި ޕްރީމިއާކުރަން ތައްޔާރުވެއްޖެ އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) އާއި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އަންހެނުން އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. މާލެ އާއި ސިންގަޕޫރާއި އައްޑު އާއި. ލ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގެ ރަށްތަކެއްގައި މަންޒަރުތައް ނަގާފައިވާ ފިލްމުގެ ލީޑް ރޯލު ކުޅެފައި ވަނީ މި ފަހުން މަގުބޫލުވި ސްކްރީން ޖޯޑު މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ.

ބޮޑު ކާސްޓެއް ފެންނާނެ "ނޮވެމްބާ" ގެ ވަރަށް ހާއްސަ ރޯލެއް ކުރީގެ ފިލްމީ ތަރި އިސްމާއީލް ވަޖީހު ވެސް ކުޅެފައިވެ އެވެ. މީގެ އިތުރުން އޭނަގެ ދަރިއެއް ކަމަށްވާ ތަރީޝް އިސްމާއީލް ވެސް ފިލްމުން ފެންނާނެ އެވެ. "ނޮވެމްބާ" ގެ ޕްރީމިއާ އަށް ސިންގަޕޫރްގައި އުޅޭ ވަޖީހު ވަނީ މާލެ ވެސް އައިސްފަ އެވެ.

އަހަރުގެ ފިލްމީ ކަލަންޑަރު ނިންމައިލަން "ނޮވެމްބާ" މިރޭ އޮލިމްޕަށް ދޫކޮށްލާ އިރު، މި އަހަރުގެ ފިލްމީ ކަލަންޑަރު ފެށީ ވެސް ޑާކް ރެއިންގެ ފިލްމަކުންނެވެ. އެއީ ފެބްރުއަރީ 6 ގައި އެޅުވި "ބީވީމާ" އެވެ. އަދި "ނޮވެމްބާ" އަކީ އެ ސްޓޫޑިއޯ އިން މި އަހަރު ބެލުންތެރިންނަށް ގެނެސްދޭ ތިން ވަނަ ފިލްމެވެ.

މާޗްގައި ޑާކް ރެއިންގެ "ހިނދުކޮޅެއް" ގެނެސްދިނީ މީޑިއާނެޓް މެދުވެރިކޮށެވެ.

"ނޮވެމްބާ" އަކީ މި އަހަރު އޮލިމްޕަހުގައި އަޅުވާ 9 ވަނަ ފިލްމެވެ. އެންމެ ފަހުން އޮލިމްޕަހުގައި ދެއްކީ ޑާކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ. މި އަހަރު ދެން އެޅުވި ފިލްމުތަކަކީ "ބީވީމާ"، "ވަނާޖުބޭސާ"، "ލޯބިވެވިއްޖެ"، "ކައުޝި"، ޖޯކަރު"، "ނީނާ" އަދި "ކަޅަކި" އެވެ.