މިދިޔަ މަހު ރިލީޒްކުރި ސުޕަހީރޯ ފިލްމު "ދަ މާވެލްސް" އަކީ މާވެލް ސިނަމެޓިކް ޔުނިވާސް އެމްސީޔޫ) އަށް ތާރީހީ ގޮތުން އެންމެ ބޮޑު ދަށް އާމްދަނީއެއް ލިބުނު ފިލްމަށްވެއްޖެ އެވެ.
މިދިޔަ މަހުގެ 10 ގައި ސިނަމާތަކަށް ގެނައި މި ފިލްމަކީ 2019 ގެ "ކެޕްޓަން މާވެލް" ގެ ސީކްއެލް އެވެ. އަނާ ބޯޑެން ޑައިރެކްޓްކުރި އެ ފިލްމު 175 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އިރު، ބޮކްސް އޮފީހުގައި 1.313 ބިލިއަން ޑޮލަރު އާމްދަނީއެއް ހޯދި އެވެ.
ނަމަވެސް ނިއާ ޑިކޯސްޓާ 219.8 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ދަ މާވެލްސް" އަކީ ކުރި ހަރަދު ވެސް ފޫނުބެއްދޭ ފިލްމެކެވެ. އެއަށް މިހާތަނަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ އެންމެ 197 މިލިއަން ޑޮލަރެވެ.
"ދަ މާވެލްސް" އާއި "ކެޕްޓަން މާވެލްސް" ގައި ވެސް ޓައިޓްލް ރޯލު ކުޅުނީ ބްރީ ލާސަނެވެ.
ބޮކްސް އޮފީހުގައި "ދަ މާވެލްސް" އަށް ކުރިމަތިލާން ޖެހުނު ދަށް ވިޔަފާރިއާ އެކީ އެމްސީޔޫގެ ފިލްމަކަށް އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި ވެސް 100 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވެސް ނޯހުދުނު ފުރަތަމަ ފިލްމަކީ މި އެވެ. އެހެންވެ މި ފިލްމު ވެފައި ވަނީ އެމްސީޔޫ އަށް މިހާތަނަށް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ވެއްޓުމަށެވެ.
މާވެލް ސްޓޫޑިއޯސް އަކީ އަބަދު ވެސް ވަރަށް ވަރުގަދަ ސުޕަހީރޯ ފިލްމުތައް ގެނެސްދޭ ސްޓޫޑިއޯއެކެވެ.