ދުޅަހެޔޮ ސިއްހަތަކަށް އަމާޒުކޮށްގެން މީގެ 11 އަހަރު ކުރިން ތައާރަފުކުރި ދުނިޔޭގެ މަޝްހޫރު "ކަލަ ރަން" ގެ ބާނީ ޓްރާވިސް ސްނައިޑާ ލޭގެ ކެންސަރު ބަލީގައި މަރުވެއްޖެ އެވެ.
އުމުރުން 45 އަހަރުފައި އޭނަގެ މަރުވިކަން އިއުލާންކޮށްފައި ވަނީ އިއްޔެ އެވެ. އެއާ އެކީ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަދި "އަކްއަމޭން" ގެ ބަތަލު ޖޭސަން މޮމޯއާ ވެސް ހިމެނެ އެވެ.
އެމެރިކާ އަށް އުފަން ސްނައިޑާ މަރުވީ 2015 އިން ފެށިގެން ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނަ މަރުވި އަންބަކާއި ތިން ކުދިން އެބަތިއްބެވެ.
ސްނައިޑާ "ކަލަ ރަން" ތައާރަފުކުރީ 2012 ގަ އެވެ. މިއީ 5 ކިލޯމީޓަރުގެ ދުވުމެކެވެ. ދުޅަހެޔޮ ސިއްހަތަކަށް ދުވުމުގެ މުހިއްމުކަން ހާމަކޮށް ދިނުމުގެ ގޮތުން އެންމެ ފުރަތަމަ އުތުރު އެމެރިކާގައި ތައާރަފުރި "ކަލަ ރަން" ފަހުން ދުނިޔޭގެ އެކި ހިސާބުތަކުގައި ބާއްވަމުން އާދެ އެވެ. އޭގެ ތެރޭގައި ދެކުނު އެމެރިކާ، ޔޫރަޕް، އޭޝިއާ، އެފްރިކާ، އޮސްޓްރޭލިއާ، ނިއުޒީލެންޑް، ގަތަރު އަދި ޔޫއޭއީ ހިމެނެ އެވެ.
"ކަލަ ރަން" ގެ ހާއްސަ ކަމަކީ ކުލަތަކާ އެކީ ބާއްވާ މި ދުވުން މަޖާ، ހިތްގައިމު ދުވުމެއްގެ ގޮތުގައި ބޭއްވުމެވެ.