ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އިންތިހާބުކުރުމަށް ނެގި ވޯޓުގެ ނަތީޖާއާމެދު ހިތްހަމަނުޖެހި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ހަޅޭލަވާ އަޑުގަދަކުރުމުން ނަން އިއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަކި ހިސާބަކުން ޖާބިރުވަނީ މަޖިލީހަށް ވަދެވަޑައިގެން މަޖިލީހުގައި އަޑުގަދަކުރަންފަށާފައެވެ. އަދި މެންބަރުންނަށް މަޖިލީހުގައި ވާހަކަ ދެއްކުމަށް ހުރަސްއެޅޭގޮތަށް އަމަލުކުރައްވާފައިވެއެވެ.
އެގޮތުން ޖާބިރުވަނީ މެންބަރު އަލީ ރިޒާ ވާހަކަ ދައްކަވަމުން ދަނިކޮށް އެ މެންބަރުގެ މައިކަށް ދަމާ ވާހަކަ ދެއްކުމަށް އެކިފަހަރުމަތިން ހުރަސްއަޅާފައެވެ. އަދި މަޖިލީހުގެ ނައިބުރައީސް ކަމަށް އިންތިހާބުވި މެންބަރު އަހުމަދު ސަލީމްގެ މޭޒުކައިރިއަށްގޮސް އަޑުގަދަކުރައްވާފައިވެއެވެ. މީގެއިތުރުން ރިޔާސަތުގެ މޭޒުކައިރީގައިވެސް އަޑުގަދަކުރައްވާ ތަޅުމުގައި އިށީންދެ އިނދެ އަޑުގަދަކުރައްވާފައިވެސް ވެއެވެ.
ޖާބިރު މިގޮތަށް އަމަލުކުރުމުން ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު އަސްލަމް ވަނީ ޖާބިރުގެ ނަން އިއްވާފައެވެ. އެހެންނަމަވެސް ޖާބިރު ތަޅުން ދޫކުރައްވާ ގޮސްފައެއް ނުވެއެވެ.
ނައިބުރައީސް ހޮވުމަށް އެމްޑީޕީން އެތެރޭގައި ނެގުނު ވޯޓުގައިވެސް ޖާބިރު ވާދަކުރެއްވިއެވެ. އެހެންނަމަވެސް އެ ވޯޓުން ބަލިވުމުން ޖާބިރުވަނީ އެމްޑީޕީ ވިޕްލައިނާ ހިލާފަށް ނައިބުރައީސް ކަމަށް ވާދަކުރައްވާފައެވެ. އިންތިހާބުގައި ޖާބިރަށް ލިބިވަޑައިގަތީ 23 ވޯޓެވެ. އަދި މެންބަރު ސަލީމަށް 51 ވޯޓު ލިބުނެވެ.