Last Updated: July 17, 18:07
Friday, July 17, 2026
ދުނިޔެ

ގާޒާގެ 80 ޕަސެންޓް މީހުން ގެދޮރު ދޫކޮށް ހިނގައްޖެ

އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ގާޒާގެ 80 ޕަސެންޓް މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް ފަލަސްތީން ރެފިއުޖީންނަށް ހާއްސަ އދ. ގެ އެޖެންސީން (ޔޫއެންއާރްޑަބްލިއުއޭ) ބުނެފި އެވެ.

ޔޫއެންއާރްޑަބްލިއުއޭ އިން ބުނިގޮތުގައި ހަނގުރާމަ ފެށުނު ފަހުން ގާޒާގެ 1.9 މިލިއަން މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ. މިއީ ގާޒާގެ އާބާދީގެ 80 ޕަސެންޓަށް ވުރެ ގިނަ މީހުންނެވެ.

ގެދޮރު ދޫކޮށް ގޮސްފައިވާ 1.2 މިލިއަން މީހުން އުޅެމުން އަންނަނީ ޔޫއެންއާރްޑަބްލިއުއޭ އިން ގާއިމުކޮށްފައިވާ 156 ވަގުތީ ހިޔާތަކުގައި ކަމަށްވެސް ބުނެފައިވެ އެވެ.

ހަނގުރާމަ ހަފްތާއަކަށް މެދުކަނޑާލުމަށްފަހު އިޒްރޭލުން އަލުން ގާޒާ އަށް ހަމަލާތައް ދޭން ފަށާފައިވާއިރު، ފާއިތުވި 24 ގަޑިއިރުތެރޭ އެކަނި މި ހަމަލާތަކުގައި ގާޒާ އިން ވަނީ 700 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 15،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.