Last Updated: May 11, 19:51
Sunday, May 11, 2025
ދުނިޔެ

ސިއްހީ ސާމާނު ގުދަންތައް ހުސްކުރަން އަންގައިފި

ފަލަސްތީނުގެ ގާޒާގެ ދެކުނުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ސިއްހީ ސާމާނު ރައްކާކޮށްފައި ހުރި ގުދަންތައް ހުސްކުރަން އިޒްރޭލުން އަންގައިފި އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ގާޒާގެ ދެކުނުގައި ސިއްހީ ސާމާނު ރައްކާކޮށްފައި ހުރި ގުދަންތަކުން ތަކެތި ހުސްކުރަން އިޒްރޭލު އަސްކަރިއްޔާ އިން 24 ގަޑިއިރުގެ މުހުލަތެއް ދީފައިވާ ކަމަށެވެ. އިޒްރޭލުގެ މި އެންގުން އަނބުރާ ގެންދިޔުމަށް އެދޭ ކަމަށާއި އަދި އާންމުންނާއި، އާންމުންގެ ގެދޮރާއި ހޮސްޕިޓަލުތައް ފަދަ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޓެޑްރޯސް ވަނީ ގޮވާލާފަ އެވެ.

ހަނގުރާމަ ހަފްތާއަކަށް މެދުކަނޑާލުމަށްފަހު އިޒްރޭލުން އަލުން ގާޒާ އަށް ހަމަލާތައް ދޭން ފަށާފައިވާއިރު، އިޒްރޭލުން އަންނަނީ ގާޒާގެ އެކި ހިސާބުތަކުގައި ހުރި ހޮސްޕިޓަލުތައް ހުންނަ ސަރަހައްދުތަކަށް ހަމަލާތައް އަމާޒު ކުރަމުންނެވެ. އަދި ގާޒާ އިން މުވާސަލާތީ ހިދުމަތް ވެސް އަނެއްކާ މެދުކެނޑިފައިވާއިރު އިޒްރޭލުން އަންނަނީ ހުޅަނގު އައްސޭރީގައި ވެސް ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގައި އިއްޔެ އެކަނި ހުޅަނގު އައްސޭރިން ފަސް މީހަކު ޝަހީދުވެފައިވެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 15،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.