Last Updated: May 9, 14:09
Friday, May 9, 2025
މުނިފޫހިފިލުވުން

ޝާހްރުކާ އެކީ މަސައްކަތް ކުރަން ބޭނުން

ޝާހްރުކް ޚާން ހިމަނައިގެން ފިލްމެއް ހަދަން ވަރަށް ބޭނުންވާ ކަމަށާއި އެހެންވެ ރަނގަޅު ދަނޑިވަޅެއްގެ އިންތިޒާރުގައި ހުރި ކަމަށް ޑައިރެކްޓަރު ޒޯޔާ އަޚްތަރު ބުނެފި އެވެ.

ޒޯޔާ އަކީ ޝާހްރުކާ އެކީ އޭނަ "ޑޮން" އާއި "ޑޮން 2" ގެނެސްދިން ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ ދައްތަ އެވެ. އަދި އޭނަ އަކީ ޝާކްރުކްގެ އަންހެން ދަރިފުޅު ސުހާނާ ޚާން އެކްޓިންގެ ދުނިޔެ އަށް "ދި އާޗީސް" އިން ތައާރަފުކޮށްދޭ ޑައިރެކްޓަރެވެ. ޒޯޔާ އެ ފިލްމު މި މަހުގެ 7 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރާނެ އެވެ.

"ދި އާޗީސް" ގެ ޕްރޮމޯޝަންގެ ތެރެއިން ނިއުސް 18 އަށް ދިން އިންޓަވިއުއެއްގައި ޒޯޔާ ބުނީ ބޮލީވުޑްގައި ޝާހްރުކާ އެކީ މަސައްކަތް ކުރަން ބޭނުން ނުވާ ޑައިރެކްޓަރަކު ނުވެސް ހުންނާނެ އެވެ.

"އޭގެ ތެރެއިން އެކެއް އަހަންނަކީ. ވަރަށް ބޭނުން އެކީގައި މަސައްކަތް ކުރަން. އެހެންވެ ރަނގަޅު ދަނޑިވަޅެއްގެ އިންތިޒާރު މި ހުރީ." މަޝްހޫރު ޅެންވެރިޔާ ޖާވިދު އަޚްތަރުގެ ދޮށީ ދަރިފުޅު ބުންޏެވެ.

ޒޯޔާ ބުނީ ޝާހްރުކް ކަހަލަ އެކްޓަރަކާ އެކީ މަސައްކަތްކުރަން ވަރަށް ވަރުގަދަ ސްކްރިޕްޓަކާއި ވަރުގަދަ ރޯލެއް ވެސް ބޭނުން ވާނެ ކަމަށެވެ. އެހެންވެ އެފަދަ ސްކްރިޕްޓެއް ލިބުނު އިރަކުން އެކީގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުންޏެވެ.

ޒޯޔާ މިހާތަނަށް ވަރަށް މަގުބޫލު ފިލްމުތަކެއް ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި "ގަލީ ބޯއި"، "ދިލް ދަޅަކް ނޭ ދޯ" އަދި "ޒިންދަގީ ނާ މިލޭގީ ދުބާރާ" ހިމެނެ އެވެ. ޒޯޔާ އަކީ ބޮލީވުޑްގެ އަންހެން ޑައިރެކްޓަރުންގެ ތެރެއިން މިހާރު އެންމެ ފާހަގަކޮށްލެވޭ އެކެކެވެ.

"ޕަތާން" އާއި "ޖަވާން" ގެ ބޮޑު ކާމިޔާބީ އަށް ފަހު ޝާހްރުކްގެ ކުރިއަށް އޮތް ފިލްމަކީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ މި މަހުގެ 21 ގައި ގެނެސްދޭ "ޑަންކީ" އެވެ.