Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ފެނަކަ އިން މުވައްޒަފުން ކަނޑާތީ ކުއްލި މައްސަލައެއް

ފެނަކަ ކޯޕަރޭޝަނުން މުވައްޒަފުންތަކެއް ވަކިކުރަމުންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މިއަދުގެ ޖަލްސާއަށް އެ މައްސަލަ ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދުދީދީ އެވެ. އޭނަ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ އަތޮޅުތަކުގެ ފެނަކައިން ދޭ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާކަން މިހާރު ފާހަގަކުރެވިފައިވާ ކަމަށެވެ.

ހުސައިން ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުގެ ފެނަކަގެ ފަރާތުން ދެމުން އަންނަ ކަރަންޓާއި އައިސް ޕްލާންޓާއި ނަރުދަމަ އާއި ފެނާއި ބޮޓްލިން ޕްލާންޓުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި މަސައްކަތް ކުރަމުން ގެންދާ ހީވާގި މުވައްޒަފުން، އަނިޔާވެރިކަމާއި ބޭއިންސާފުން ބަދަލުހިފުމުގެ ރޫހެއްގައި ވަޒީފާއިން ވަކިކުރަމުންގެންދާ ކަމަށެވެ.

އެހެންވެ އެކައުން ހުއްޓުވައި ދޭން އެދިވަޑައިގެންފައިވެ އެވެ.

"އެ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާލަމެންޓްރީ ގްރޫޕުގައި އެދިފައިވާ މައްސަލައިގައި ސަރުކާރުގެ ސަމާލުކަމަށް ގެނެސް، މިހިނދުން މިހިނދަށް މި އަނިޔާވެރި އަމަލު ހުއްޓުވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ 170 ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށަހަޅަން." ހުސައިން ވިދާޅުވި އެވެ.

އެ މައްސަލަ މަޖިލިހަށް ބަލައިގަނެ، ބަހުސް ކުރަން ފެނޭތޯ ވޯޓަށް އެހުމުން ބަހުސް ކުރުމަށް ފެންނަ ކަމަށް ޖަލްސާއަށް ހާޒިރުވެ ތިއްބެވި 37 މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 33 މެމްބަރުންގެ ވޯޓާ އެކު ވަނީ ފާސްކޮށްފަ އެވެ.

މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އަށްހާހެއްހާ މުވައްޒަފުން ތިބި ފެނަކަ އިން މިހާރު ވަނީ މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރަން ފަށައިފަ އެވެ. މިކަން އެކި ފަރާތްތަކުން ސިފަކޮށްފައި ވަނީ މުވައްޒަފުންތަކެއް ވަކިކުރަން މި ސަރުކާރުން ކުރާ ކަމެއްގެ ގޮތުގަ އެވެ.