އައްޑޫ ގަން މިހާރު އޮތް ހާލަތާއި އެ ރަށް ކުރިން އޮތް ގޮތް ފެނުނު މީހެއްގެ ހިތަށް މިހާރު އަރާނެ އެވެ؛ ސުބުހާނަﷲ އެވެ. މިއީ ކޮން ފަދަ ކަމެއް ހެއްޔެވެ؟ ތަރައްގީ އަށް ހިންގާ ބޮޑު މަޝްރޫއެއްގެ ނިވަލުގައި ގަން މިހާރު އޮތީ "ނޮޅިފައިފަ" އެވެ. އެ ރަށުގައު ހުރި ބިޔެ އެތައް ގަހެއް ކަނޑައި ބިމާކޮށްލުމާ ގުޅިގެން، ކުރިން ފެހިކަން ގަދަ ރަށް މިހާރު ފެންނަނީ ވީރާނާވެ، ހަފުސްވެފައިވާ ތަނެއްގެ ގޮތުގަ އެވެ.
ގަމަކީ މީގެ އެތައް ޒަމާނެއް ކުރިން ފެށިގެން ވެސް ވަރަށް ހިތްގައިމުކޮށް އޮތް ރަށެކެވެ. ރާއްޖޭގެ ފުރަތަމަ އެއާޕޯޓް ބިނާކޮށްފައި އޮތް މި ރަށަކީ ގަމުގައި އިނގިރޭސި ތިބި ދުވަސްވަރުން ފެށިގެން ތަރައްގީގެ ކުލަވަރު ވަރަށް ބޮޑަށް ދައްކުވައި ދިން ރަށެކެވެ، ގަމުން އިނގިރޭސި ފައިބައިގެން ދިޔަ ފަހުން ވެސް ގަން އޮތީ އޭގެ އަސްލު ގެއްލުވާ ނުލައި، ފެހިކަމާއި އާރޯކަމާއި ހިތްފަސޭހަ ރަށެއްގެ ގޮތުގަ އެވެ.
އެ ތަނުގެ އެކި ހިސާބުތަކުގައި ވަރަށް ތަރުތީބުން އިންދާފައި ހުރި ބިޔަ އެތައް ގަހެއް މިހާރަކު ނެތެވެ. ހުރިހާ ގަހެއްހެން ވަނީ ކަނޑާލައިފަ އެވެ. މިކަމެއް މި ފެށުނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގަން އެއާޕޯޠޓްތަރައްގީކުރަން ފެށި މަޝްރޫއާ އެކީގަ އެވެ.
މި މަޝްރުއު ހަވާލުކޮށްފައި އޮތީ އިންޑިއާގެ ރެނާޓަސްއާ އެވެ. ގަމުގެ މަގުތައް ފުޅާކުރުމާއި ތަރައްގީގެ ތެރެއިން އަންނަ އެތައް އިންފްރާސްޓްރަކްޗާއަކަށް މަގުފަހި ކުރަން ކަމަށް ބުނެ ގަމުގެ ވެށި މިއޮތީ ދޮވެލައިފަ އެވެ.

ގަމުގެ ރަން ރަންޒާން ފެނުނު އެތައް ބަޔަކު އަދިވެސް ދުނިޔޭގައި އެބަތިއްބެވެ. އެހެންވެ އެފަދަ މީހުންނަށް ގަން މިހާރު ފެނިއްޖެ ނަމަ ކަރުނަ އަޅައި ރޯނެ އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީންނަށް ގަން ދިނުމުގެ ކުރިން ގަމަކީ އެ ރަށާ އިންވެގެން އޮތް ފޭދޫގެ ކުރީގެ ވަޒަންވެރިން އުފަންވެ، ދިރިއުޅުނު ރަށެވެ. އެ ޖީލުގެ އެތައް ބަޔަކު އަދިވެސް ދުނިޔޭގައި އެބަތިއްބެވެ.
މި ފަހުގެ ޖީލީގެ ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ގަމުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ގަން މިވަރަށް ވީރާނާ ނުކޮށް ވެސް އެ ބުނާ ތަރައްގީއެއް ގެނެވޭނެ އެވެ. އެކަމަކު ރާއްޖޭގެ އާންމު އުސޫލަކީ ތަރައްގީގެ ނަމުގައި ވެށި ހަލާލުކޮށް ފަނާކޮށްމ، ގުރުބާންކުރުމެވެ. ގަމުން މިހާރު ފެންނަން އޮތް ބޮޑު މަންޒަރަކީ މިއެވެ.

ބައެއް މީހުން މިހާރު ބުނާ ގޮތުން ގަމަށް މިހާރު އަރާ ހިތެއް ވެސް ނުވެ އެވެ. ހިތަށްކުރާ އަސަރު ބޮޑުކަމުން ގަން އޮންނަ ހިސާބަށް މިހާރު ބޯދިއްކޮށްލަން ބައެއް މީހުން ބޭނުމެއް ނުވެ އެވެ. ގަމުގެ ފެހިކަން ގެއްލުވާލުމުގެ އިތުރަށް، އެ ރަށުގައި ހުރި އެތައް އިމާރާތެއް މިހާރު ވަނީ ރޫޅާލައިފަ އެވެ. ގަމަކީ ތާރީހީ ގޮތުން ރާއްޖޭގައި ވަރަށް ފާހަގަކޮށްލެވޭ ރަށެކެވެ. އެކަމަކު އެއާޕޯޓް ތަރައްގީކުރަން ފަށާފައިވާ މަޝްރޫއާ އެކީ ގަމުގެ ޒަމާންވީ ތާރީހާއި އެ ތާރީހުގެ އަސްލު މިހާރު އޮތީ ދައްކަން ބޭނުން ނުވާ ވާހަކައެއްގެ ގޮތުގަ އެވެ.
މި ރަށަކީ އެއާޕޯޓް އޮތް ރަށަށްވުމާއި ވަޒީފާތަކަށް މީހުން ދާ ރަށަކަށްވުމާ އެކީ ގަމަކީ ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު އަރާ ރަށެކެވެ. ގަމަށް މީހުން ވަޒީފާ އަދާކުރަން ދާ ތަންތަނުގެ ތެރޭގައި ގަން އެއާޕޯޓާއި މޯލްޑިވިއަނާއި އެތަނުގެ ދަށުން ހިންގަމުން އަންނަ ފްލައިން ސްކޫލް، މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އާއި އައްޑޫގެ އެންމެ ކާމިޔާބު ޓޫރިސްޓް ފެސިލިޓީ ކަމަށްވާ އީކްއޭޓަ ވިލެޖާއި މެޓް އޮފީސް ހިމެނެ އެވެ.

މީގެ އިތުރުން ގަމަކީ އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޮމާންޑާއި ޕޮލިސް ސްޓޭޝަނެއް ވެސް ހުރި ތަނެކެވެ.
އަމާޒަކަށްވެފައި އޮތީ ގަން އެއާޕޯޓް 2025 ގައި ތަރައްގީކޮށް ނިންމުމެވެ. މި މަޝްރޫއުގެ މައިގަނޑު މަގުސަދަކަށްވެފައި އޮތީ އައްޑޫގެ ޓޫރިޒަމް ފުޅާކުރުމެވެ. އެހެންވެ ގަން އެއާޕޯޓް ތަރައްގީވެ، ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ހިނގައިގަތުމުން އައްޑޫ މީހުންގެ ޖީބަށް ޑޮލަރާއި ޕައުންޑް އޮހެން ފަށާނެ އެވެ. އެތަނުން އަހަރަކު 1.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ އެވެ. ރައްޔިތުންނަށް ސަރުކާރުން ތަސައްވަރުކޮށް ދީފައި އޮތް މަންޒަރަކީ އެ އެވެ.
ގަން އިންޓަރނޭޝަލް އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ސަރުކާރުން އައްޑު އަތޮޅާ މެދު ގެންގުޅޭ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ކުރިއަށް ގެންދާ އެންމެ މުހިންމު އެއް މަޝްރޫޢު. pic.twitter.com/8aLv807FUY
— Government of Maldives (@governmentmv) June 4, 2023
އެހެންވެ އެ ބުނާ ކުރިއެރުމެއް ގަން "ނޮޅައިގެން" ގެނެވޭނެ ނަމަ އެ މަންޒަރު ބަލަން ވެސް އެތައް ބަޔަކު މިހާރު ތިބީ ކެތްމަދުވެފަ އެވެ.