Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މަސްވެރިކަމަށް ހާއްސަ މަރުކަޒެއް ހަދަނީ

މަސްވެރިކަމަށް ހާއްްސަ މަރުކަޒެއް ހަދަން ދިސާރާތަކެއް ހަދަން ނިންމާފައިވާ ކަމަށް ގައުމީ ޔުނިވަސިޓީން ބުނެފި އެވެ.

އެ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ ވިދާޅުވީ ޕީއެސްއެމްގައި ވިދާޅުވީ މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ޒަމާންވީ ސިނާއަތަށްވާތީ އާއި ދިވެހިންގެ ސަގަފަތާއި ޝަހުސިއްޔަތާ ވެސް ގުޅުން ބޮޑު ސިނާއަތެއް ކަމަށެވެ. އަދި ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑު ކަމަށް ވިޔަސް، ގައުމީ ޔުނިވަސިޓީގައި މަސްވެރިކަމާ ބެހޭ ފެކަލްޓީއެއް ނެތުމަކީ އުނި ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އާ ޗާންސެލަރު ވިދާޅުވި އެވެ.

އެހެންވެ މަސްވެރިކަމާ ބެހޭ ފެކަލްޓީއެއް ނުވަތަ ސްކޫލެއް ޔުނިވަސިޓީގައި އުފެއްދުމަށް ދިރާސާ ކުރަން އެމްއެންޔޫގެ ކައުންސިލަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔުނިވަސިޓީގެ ކައުންސިލަށް އެބަ ހުށައަޅަން ކަރުދާހެއް. އެއީ ސީދާ މަސްވެރިކަމާއި ކަނޑުގެ އިލްމާއި ބެހޭ އެކަޑަމިކް ޑިވިޝަންއެއް އުފެއްދުމާ ބެހޭ ކަރުދާހެއް، އެއީ ސްކޫލެއްތޯ، ފެކަލްޓީއެއްތޯ އެއެއް އަދި ނުނިންމޭ،" ކުރިން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޝައުގީ ވިދާޅުވި އެވެ. "އެފަދަ ޑިވިޝަނެއް، ފެކަލްޓީއެއް ނުވަތަ ސްކޫލެއް އުފެއްދުމުގެ މަސައްކަތް ފެށުމަށް އެކަމަށް ކުރަން ޖެހޭ ދިރާސާކުރަން ފަށަން."

އޭނަ ވިދާޅުވީ މެރިން ރިސރޗް ސެންޓަރުން މަސްވެރިކަމާއި ކަނޑުތަކާއި ފަޅުތަކާ ބެހޭ ދިރާސާތައް މިހާރު ވެސް ކުރާ ކަމަށެވެ. އެކަމަކު ގައުމީ ޔުނިވަސިޓީ އަކީ ގައުމުގެ އެންމެ ތައުލީމީ މުހިންމު މަރުކަޒަށްވެފައި އެތަނުގައި އެފަދަ ދިރާސާތަކާއި ޑިގްރީ، މާސްޓަ އަދި ޕީއެޗްޑީއާ ހިސާބަށް ވެސް ކިޔަވައި ދެވެން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ޝައުގީ ވިދާޅުވި އެވެ.