Last Updated: May 9, 14:09
Friday, May 9, 2025
މުނިފޫހިފިލުވުން

ދީޕިކާ "ދި އިންޓާން" އަށް ނުކުންނަނީ

އިންޑިއާގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ރައިޓްސް ހޯދާފައިވާ ހޮލީވުޑްގެ ފިލްމު "ދި އިންޓާން" ގެ ހިންދީ ރިމޭކްގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނިއުސް 18 އިން ބުނީ ދީޕިކާ 2020 ގައި ރައިޓްސް ހޯދައި، ޕްރޮޑިއުސްކޮށް ކުޅެން ހަމަޖެހިފައިވާ ފިލްމުގެ ޝޫޓިން އަންނަ މަހުގެ ފަހުކޮޅު ނުވަތަ ފެބްރުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. "ދި އިންޓާން" ގެ ހިންދީ ރިމޭކް ޑައިރެކްޝަން ހަވާލުކޮށްފައި ވަނީ 2018 ގެ "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާއާ އެވެ.

މި ފިލްމުގައި ދީޕިކާއާ އެކީ އެންމެ މުހިއްމު ރޯލެއް ކުޅޭނީ އަމީތާބް ބައްޗަނެވެ. "ދި އިންޓާން" އެންމެ ފުރަތަމަ އިއުލާންކުރީ ދީޕިކާ އާއި ރިޝީ ކަޕޫރް ކުޅޭ ގޮތަށެވެ. ނަމަވެސް ފަހުން ފިލްމަށް އަމީތާބް ނެގީ 2020 ގެ ކުރީކޮޅު ރިޝީ، ލޭގެ ކެންސަރު ބަލީގައި މަރުވުމާ ގުޅިގެންނެވެ.

"ދި އިންޓާން" އަކީ ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށް އޭން ހެތަވޭ އާއި ރޮބަޓް ޑި ނީރޯ މައިގަނޑު ރޯލުތައް ކުޅެ، 2015 ގައި ރިލީޒްކުރި ބަޑީ-ކޮމެޑީ ޑްރާމާއެކެވެ. ނޭންސީ މޭޔާޒް ޑައިރެކްޓުރި ފިލްމަކީ ފެޝަން ކުންފުންޏެއްގައި މަސައްކަތްކުރާ ދެ މީހެއްގެ ވާހަކަ ކިޔައިދިން އެއްޗެކެވެ. އެގޮތުން ފިލްމުގެ މައިގަނޑު ޕްލޮޓް އެނބުރެނީ ކުންފުންޏަކުން ރިޓަޔާކުރި ދުވަސްވީ ހުވަފަތް ފިރިހެނަކު މަސައްކަތެއް ނެތި ހުންނަން ފޫހިވާން ފެށުމުން، ޒުވާން އަންހެނަކާ އެކީ ފެޝަން ކުންފުންޏެއްގެ އިންޓާންއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށުމުން އެ މީހުންގެ މެދުގައި އުފެދޭ ގުޅުމަށެވެ.

"ދި އިންޓާން" އަށް ދީޕިކާ ތައްޔާރުވާން ފެށީ އިރު، އަންނަ މަހުގެ 25 ގައި އޭނަގެ އޭރިއަލް އެކްޝަން ތުރިލާ ރިލީޒްކުރާނެ އެވެ. މީގެ ބަތަލަކީ ރިތިކް ރޯޝަނެވެ.