Last Updated: May 11, 19:51
Sunday, May 11, 2025
ދުނިޔެ

އިޒްރޭލަކީ ލެޔަށް ދަހިވެތިވެފައިވާ ބައެއް

އިޒްރޭލަކީ ލެޔަށް ދަހިވެތިވެފައިވާ ބައެއް ކަމަށް ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ބުނެފި އެވެ.

ހަމާސް ޖަމާއަތުގެ އިސް އޮފިޝަލެއް ކަމަށްވާ އޮސާމާ ހަމްދާން ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް އަރައިގަނެ ހަމަލާތައް ދެމުން އަންނަނީ ލެޔަށް ދަހިވެތިވެފައިވާތީ ކަމަށާއި ނަމަވެސް އެއީ އިޒްރޭލަށް ހާސިލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ހަނގުރާމަ ކިތަންމެ ގިނަ ދުވަހަކަށް ދިގު ދެމިގެންދިޔަ ނަމަވެސް ހަމާސް ޖަމާއަތް އޮތީ އެކަމަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށާއި 60 ދުވަސްވެގެންދިޔަ އިރު ވެސް އިޒްރޭލުން ބޭނުންވާ ކާމިޔާބުގެ މަންޒަރު ގާޒާ އިން ދެއްކިފައި ނުވާ ކަމަށްވެސް ހަމްދާން ވިދާޅުވި އެވެ.

ހަފްތާއަކަށް މެދުކަނޑާލުމަށްފަހު އިޒްރޭލުން އަލުން ހަނގުރާމަ ފަށާފައިވާއިރު، ހަމްދާން ވަނީ އަސީރުން ދޫކޮށްލުމާ ގުޅޭގޮތުން އިޒްރޭލާއި ދެން އެއްވެސް މަޝްވަރާއެއް ކުރާނީ ހަމަލާތައް ހުއްޓާލުމުން ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ހަމާސްގެ ބެލުމުގެ ދަށުގައިވާ އިޒްރޭލު މީހުންގެ ފުރާނަ އަށް މިހާރު ޒިންމާވާންޖެހޭނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށާއި މި ހަނގުރާމައާ ގުޅިގެން އޭނާގެ ވެރިކަން ވެސް ލަހެއް ނުވެ ނިމިގެންދާނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާންކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އޭގެ ފަހުން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 16،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.