އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު އާސެނަލުން ލޫޓަން ޓައުން އަތުން 4-3 އިން މޮޅުވެއްޖެ އެވެ.
މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް އޮތީ 15 މެޗުން ލިބުނު 36 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 14 މެޗުން ލިބުނު 31 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު ލޫޓަން އޮތީ 9 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގަ އެވެ.
ލޫޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ 20 ވަނަ މިނެޓްގައި ގެބްރިއަލް މާޓިނެއްލީ ވަނީ އާސެނަލަށް ލީޑު ނަގާދީފަ އެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ގެބްރިއަލް އޯޝޯ ލޫޓަން އަށް ނަތީޖާ އެއްވަރުކޮށްދިން އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ގެބްރިއަލް ޖީސެސް ވަނީ އާސެނަލަށް އަލުން ލީޑު ނަގާދީފަ އެވެ.
އާސެނަލް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އެލައިޖާ އެޑަބަޔޯ ވަނީ ލޫޓަން އަށް ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 57 ވަނަ މިނެޓްގައި ރޮސް ބާކްލީގެ ގޯލުން ލޫޓަން އިން މެޗުގެ ލީޑު ނެގި ނަމަވެސް އެޓީމަށް ލީޑުގައި އޮވެވުނީ އެންމެ ތިން މިނެޓަށެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓްގައި އާސެނަލަށް ނަތީޖާ އެއްވަރުކޮށްދިނީ ކައި ހަވެޓްޒް އެވެ.
ލޫޓަން އިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗު އެއްވަރުވެގެން ނިމެންދަނިކޮށް އާސެނަލް މޮޅުވި ގޯލު މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ޑެކްލަން ރައިސް އެވެ. ރައިސް މި ގޯލު ކާމިޔާބު ކުރީ ލޫޓަންގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.
ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ އެސްޓަންވިލާއާ އެވެ. ލޫޓަން ނިކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.