ފިލްމު ކުޅޭ ބަތަލާއަކަށްވުމީ ބޭނުންވި ގޮތެއް ނޫން ކަމަށާއި އެކަންވީ ހޮލީވުޑް ވެސް ހިމެނޭ އެމެރިކާގެ ލޮސް އެންޖެލިސް އަށް އުފަންވި މީހަކަށްވެ، އޭގެ ނުފޫޒު ހެދި ކަމަށް މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ ބުނެފި އެވެ،
ވޯލް ސްޓްރީޓް ޖާނަލް ޑަބްލިއުއެސްޖޭ) މެގަޒިން ދިން އިންޓަވިއުއެއްގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 48 އަހަރުގެ ބަތަލާ ބުނީ ހޮލީވުޑަކީ މާ ގަޔާވާ ތަނެއް ވެސް ނޫން ކަމަށެވެ.
"އެކަމަކު މިތަނަށް އުފަންވި މީހަކަށްވީތީ ހޮލީވުޑްގެ ނުފޫޒާ ހެދި އަހަރެން ފިލްމީ ބަތަލާއަކަށްވީ،" މަޝްހޫރު އެކްޓަރު ބްރެޑް ޕިޓްގެ ކުރީގެ އަންހެނުން ބުންޏެވެ. "އެހެން ނޫން ނަމަ އަހަރެން ނުވީސް ފިލްމީ ބަތަލާއައަކަށް. އޭގެ ބަދަލުގައި އަހަރެން ވީހީ ތިއޭޓަ އެކްޓަރަކަށް."
ޖޯލީ ބުނީ ހޮލީވުޑަކީ އުޅެން ފަސޭހަ ތަނެއް ނޫން ކަމަށާއި ބޭނުން ވަނީ ހަމަހިމޭން މާހައުލެއްގައި ވަރަށް ހަމަޖެހިލައިގެން އުޅެން ކަމަށެވެ. އެގޮތުން ޕީޓާ ވަކިވުމާ އެކީ ކެމްބޯޑިއާ ބަދަލުވުމުގެ ވިސްނުންތަކެއް ވެސް ގެންގުޅުނު ކަމަށް ބުންޏެވެ. ހަ ކުދިން ތިބި ޖޯލީ އަކީ އެ ގައުމުގެ ރަށްވެހިކަން އޮންނަ ތަރިއެކެވެ.
"ކައިވެނި ރޫޅުނުތާ ކުރީކޮޅު ވަރަށް ބޮޑަށް ވިސްނިން ލޮސް އެންޖެލިސް ދޫކޮށް ދާން. އެކަމަކު އަހަރެން ކަހަލަ މީހަކަށް މިނިވަންކަމާ އެކީ ދަތުރުކޮށް އެހެން ތަނަކަށް ދިރިއުޅުން ބަދަލު ކުރުމަކީ ފަސޭހަ ކަމެއް ވެސް ނޫން،" އޭނަ ބުންޏެވެ. "އެހެން ވިޔަސް އެފަދަ މާހައުލެއް ފަހިވާ އިރަކުން އަހަރެން ބޭނުން ލޮސް އެންޖެލިސް ދޫކޮށް ދާން."
ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މިހާރު މަސައްކަތްކުރާ ޖޯލީ މިހާރު އަންނަނީ ކުރީގެ އޮޕަރާ ލަވަކިޔުންތެރިޔާ މަރާޔާ ކެލަސް ބައޮގްރަފިކަލް ޑްރާމާ "މަރާޔާ" ގެ މަސައްކަތް ކުރަމުންނެވެ. ހުނަރުވެރި ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ 2021 ގެ "ދި އިޓާނަލްސް" އެވެ.