Last Updated: May 9, 14:09
Friday, May 9, 2025
މުނިފޫހިފިލުވުން

ޝިރާނީ އާއި ވަޖީހުގެ "ރިޔުނިއަން" އެއް

ޒަމާންތަކެއް ފަހުން ރާއްޖޭގެ ކުރީގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އައިޝަތު ޝިރާނީ އާއި އިސްމާއީލް އެއް ފްރޭމަކުން ފެނިއްޖެ އެވެ.

މި ދެ ތަރިންގެ މި "ރީޔުނިއަން" އަށް މަގުފަހިވީ އިއްޔެ ރޭ ޑާކް ރެއިން އެންޓައިންމަންޓުން އޮލިމްޕަހުގައި ޕްރީމިއާކުރި ފިލްމު "ނޮވެމްބާ" ގެ ރެޑް ކާޕެޓުންނެވެ. ދެ ތަރިން އެކީގައި ޕޯސްކޮށް، ކެމެރާތަކަށް ފޮޓޯ އާއި ވީޑިއޯ ނަގަން ވެސް ފުރުސަތު ދިނުމެވެ. ފާހަގަކޮށްލެވޭ ކަމަކީ ޝިރާނީ އާއި ވަޖީހަކީ 90 ގެ ތެރޭގައި ރާއްޖޭގެ އެންމެ ވިދި ތަރިންގެ ތެރޭގައި ހިމެނޭ ދެ މީހުންކަމެވެ.

މި ދެ ތަރިން އެކީގައި ވަރަށް ގިނަ ވީޑިއޯ ލަވަތަކެއް ވެސް ކުޅުނެވެ. އަދި އެކީގައި ފިލްމުތަކާއި ޑްރާމާތަކެއް ވެސް ކުޅުނެވެ. ޝިރާނީ އާއި ވަޖީހު އެކީގައި ކުޅުނު ފިލްމުތަކަކީ 1994 ގެ "ކުލުނު" އާއި 2000 ވަނަ އަހަރުގެ "ރިހުން" އެވެ. ދެ ތަރިން އެކީގައި ކުޅުނު ގިނަ ވީޑިއޯ ލަވަތަކަކީ ބެލުންތެރިންގެ މެދުގައި މިހާރު ވެސް ވަރަށް މަގުބޫލު ލަވަތަކެކެވެ.

އޭގެ ތެރޭގައި "ދެ ފުރާނަ އެކުވެފާ" އާއި "އިޝާރާތްކޮށް ބަލާލާނީ" އަދި "މިއީ ހިމޭން ދަންވަރު" ފަދަ އެތައް ލަވައެއް ހިމެނެ އެވެ.

ޑާކް ރެއިނުން މިހާރު ދައްކަމުން އަންނަ "ނޮވެމްބާ" އަކީ ވަޖީހު ރޯލެއް ވެސް ކުޅެފައިވާ ފިލްމެކެވެ. ފިލްމުގެ ޕްރީމިއާގައި ސިންގަޕޫރުން ފުރައިގެން އައިސް އޭނަ ބައިވެރިވެރިވީ ވެސް އެ ސަބަބާ ހެދި އެވެ. ފިލްމުގައި ވަޖީހުގެ މަންޒަރުތައް ޝޫޓްކޮށްފައި އޮތީ އޭނަ ދިރިއުޅެމުން އަންނަ ސިންގަޕޫރްގަ އެވެ. "ނޮވެމްބާ" ގެ ރޯލެއް ވަޖީހުގެ އިތުރުން އޭނަގެ ދަރިއެއް ކަމަށް ތަރީޝް އިސްމާއީލް ވެސް ކުޅއެފައިވެ އެވެ.

އެ ފިލްމުގައި ވަޖީހު، 61، ކުޅެފައި ވަނ ސޭމް ކިޔާ ކެރެކްޓާއެކެވެ. މި ފިލްމުގެ ޕްރީމިއާ ނައިޓްގައި އޭނަ ވަނީ ކުޅުނު މަޝްހޫރު ލަވައެއް ކަމަށްވާ "ހޯދަމަ ހޯދާ" އަށް ސްޓޭޖް މަތީގައި ޕަފޯމްކޮށް، އޯޑިއަންސް އުފާ ވެސް ކޮށް ދީފަ އެވެ. ޕްރީމިއާގައި ވަޖީހު ފެނުނީ ވަރަށް ދިވެހިވަންތަ ކޮސްޓިއުމެއްގަ އެވެ. އޭނަގެ މިހާރުގެ ހާއްސަ ސިފަ އަކީ ދިގު، ނުރަ އިސްތަށިގަނޑެވެ.

ޝިރާނީ ފިލްމީ ދާއިރާ ދޫކޮށްލި ފަހަކުން ފިލްމީ އެއްވެސް މަސައްކަތަކުން ނުފެ އެވެ. އެކަމަކު އޭނަ އަކީ އަބަދު ވެސް ބެލުންތެރިން ވަރަށް ލޯބިވި، ވަރަށް ސަޕޯޓްކުރި ބަތަލާއެކެވެ. ޝިރާނީ، 48، އެންމެ ފަހުން ކުޅުނު ފިލްމަކީ 2003 ގެ "ކަލާޔާނުލާ" އެވެ.

އޭނަގެ ކެރިއަރުގައި ކުޅުނު އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ފުންއަސަރު"، "ލައިލާ"، "ޒަލްޒަލާ"، "އެ ތޫފާނީ ރޭ" އަދި "ނަފުރަތު" ހިމެނެ އެވެ.